07 Nov 2016, 00:19
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ޕާޓީތަކަށް އެނގުމަކާ ނުލައި އިތުރުކޮށްފައި ވަނީ ރައީސް ޢަބްދުﷲ ޔާމިންގެ ފެކްޝަނުންގެ ކެންޑިޑޭޓުން ނެރުމުގެ ކަންތައް ހަމަޖެހިފައި ނުވާތީ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އިދިކޮޅު އެމްޑީޕީން ތުހުމަތުތަކެއްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އެ ތުހުމަތުތައްކޮށްފައި ވަނީ ސިޔާސީ ޕާޓީތަކަށް އެނގުމަކާ ނުލައި އިންތިޚާބާ ގުޅޭ ތާރީޚުތަކަށް ކުއްލި ބަދަލުތައް އެ ކޮމިޝަނުން ގެންނަމުންދާ ކަަމަށް ބުނެ އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އިލެކްޝަނުން މިއަދު ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތަސް، އެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެންމެފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އާޒިފް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ އެ ނިންމުމަކީ ޕާޓީތަކުގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 15 އަށް ކަނޑައެޅީ ގާނޫނުން އިތުރު ކުރެވޭނެ އެންމެ ދިގު މުއްދަތަކީ އެއީ ކަމަށްވާތީ އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 15 ނޮވެމްބަރު ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމަށް ފަހު، އަދި އެއަށްވުރެ ފަހުގެ ތާރީޚަކަށް އެކަން ބަދަލުކުރުމަށް ޤާނޫނީ ގޮތުން ވެސް ތަނެއް ނުދޭ ކަމަށް އެ ކޮމިޝަނުން ބުނި ކަމަށެވެ.
ކުރިން ބެނެފައިވާ ގޮތާ ހިލާފަށް އެ މުއްދަތު ބަދަލުކޮށްފައި ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ކެންޑިޑޭޓުން ނެރުމުގެ ކަންތައް މިހާތަނަށް ވެސް ހަމަޖެހިފައި ނުވާތީ ރައީސް ޢަބްދުﷲ ޔާމިނަށް ކަމެއް ކޮށްދިން ގޮތުން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އެކަމަކީ އިލެކްޝަންސް ކޮމިޝަން ވަކި އަތަކަށް ޖެހި ނުވަތަ ވަކި ފަރާތެއްގެ ނުފޫޒުގައި ޖެހިފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލިފައިވާކަން ހާމަވާ ގޮތަށް އެ ކޮމިޝަނުން ތަކުރާރުކޮށް ޢަމަލު ކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްކުރުމާއި ޕާޓީތަކުގެ އެތެރޭގެ ހިންގުމުގެ ކަންކަމާ ބެހުމާއި ޕާޓީތަކުގެ މެމްބަރުނަށް ނޭނގި ޕާޓީތަކުން ވަކިކުރުންފަދަ ކަންކަމަކީ އެ ކޮމިޝަނުންކޮށްފައިވާ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"މިކަމަކީ ސަރުކާރުން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް ހިންގަމުންދާ ޖަރީމާތަކެކެވެ. އަދި އެއީ ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށާއި ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކާއި ނުރައްކަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.