ދެ ކުޅުންތެރީން މަދުކޮށް ކުޅެމުންދިޔަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓީސީން ފައިނަލްގެ ޖާގައެއް ހޯދާފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ނިއު އަތުން 3-0 ލަނޑުން މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ބޮންޑާ ނުރައްކާކުރުމުގެ ކުރިން ނިއުގެ ޖަޕާން ކީޕަރު ޔުން ކޮޗީ ވަނީ އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ނަގައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ވެސް ސެންޓޭއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިފައިވެ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލުމަށް ސެންޓޭ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހުސައިން ޝަރީފް މުހައްމަދު ދިން ބޯޅައަކުން ހަމްޒާ މުހައްމަދު (ހަމްޕު) އުފެއްދި ހަމަލާ އަމާޒުވީ ޓީސީ ގޯލުގެ ދަނޑިއަށެވެ. އޭގެ މާގިނައިރުތަކެއް ނުވެ، ނިއު އަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ ޓީސީގެ އޭރިޔާ ތެރެއިން އަލީ ނާފިއުއަށް ކުރި ފައުލަކާ ގުޅިގެން ދެ ވަނަ ރީނދޫ ކާޑާއެކު އިއްޒަތު އަބްދުލް ބާރީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

އެފްއޭ ކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއު ކޮޅަށް ޓީސީން ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު އިބްރާހިމް ވަހީދު ހަސަން އުފާފާޅުކުރަނީ: އެ މެޗުން ޓީސީ މޮޅުވެފައި ވަނީ 3-0 ލަނޑުން --- ސަން ފޮޓޯ

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިއުމުގެ ފައިދާ ޓީސީއަށް ނުނެގި އުޅެނިކޮށް، ނިއުއިން ލަނޑުޖަހާނެ އިތުރު ފުރުސަތެއް ތަނަވަސްކުރި އެވެ. މެޗުގެ 64 ވަނަ މިނެޓުގައި މުހައްމަދު ރަޝީދު (ހޮކޭ) ނުރައްކާތެރި ހުރަހެއް ނެގި ނަމަވެސް، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ހުސައިން ޝަރީފް މުހައްމަދަށް ނިންމާލެވިފައެއް ނުވެ އެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް ވަހީދު ހަސަން އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)، ރެފްރީއާ ދިމާލަށް ރައްދުކުރި ބަސްތަކެއްގެ ސަބަބުން އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ހޮކޭއަށް ދެއްކި ރަތް ކާޑާ ގުޅިގެން މެޗުގެ ބާކީބައި ނިއު ފުރިހަމަކުރަން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި ޓީސީން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޓީސީގެ އޭރިޔާ ތެރެއިން ސެންޓޭއަށް ނިއުގެ ސެގުން މައިކަލް ފައުލް ކުރުމުން ޓީސީން ކުޅުން ކުރިއަށް ގެންދިއުމަށް ރެފްރީ އެންގުމުން އޭގެ ފައިދާ ނަގައި، އެ ޓީމުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ދާދު އެވެ. ޓީސީގެ އެ ލަނޑު ކާމިޔާބުކުރުމުގެ ކުރިން ނިއުގެ މައިކަލް ކުރި ފައުލާ ގުޅިގެން ނޭވާލުމަށް ދަތިތަކެއް ކުރިމަތިވުމުން ދަނޑުމަތީ ފަރުވާ ދިނުމަށްފަހު އެމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ސެންޓޭ ފޮނުވާލެވުނެވެ.

އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ނުކުންނަން ޖެހޭނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 9:00 ގައެވެ.