07 Nov 2016, 00:26
މިއަދުގެ ސަރުކާރުން ކުރާ ހަރަދުގެ އެއްވެސް ދިރުމެއް ނެތްކަން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސާބިތު ކޮށްދީ ވޯޓުން "އަސްލު" ހާމަކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަކޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ދިހަ މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަހުލޫފު، ޖަލުގައި އޮވެ ނެރުނު ބަޔާނުގައި ވިދާޅުވީ، އަމާޒަކަށް ވާންވީ ވޯޓު ފޮށިން ރައްޔިތުންގެ ބާރު ރައީސް ޔާމީނަށް ދައްކާލުން ކަމަށެވެ.
އެގޮތުން، އަންނަ ޖެނުއަރީ މަހުގެ 14 ގައި ކައުންސިލަރުން ހޮވުމަށް ނަގާ ވޯޓަކީ ރައީސް ޔާމީނާ ދެކޮޅަށް ނެގޭ "ފެންނަ ނުފެންނަ" ވޯޓެއް ކަމަށާއި މި ސަރުކާރުގެ އެކަނިވެރިކަމާ ބަލިކަށިކަން ރާއްޖެ އާއި މުޅި ދުނިޔެއަށް ހާމަކޮށް ދިނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
...ފާޅުގައި ތެދުވުމަށް މިވަގުތު ރައްޔިތުން ފަސް ޖެހުނު ނަމަވެސް، ވޯޓު ފޮށިން ރައްޔިތުންގެ އިހްސާސްތައް ފެންނާނެ ކަމަށެވެ. ވޯޓުން 'އަސްލު' ހާމަކޮށް ދެއްވާނެކަން ކަށަވަރެވެ، މަހުލޫފް
ސަރުކާރާ އިދިކޮޅު ޕާޓީތައް އެކުވޭ ގޮތަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ތަރުޖަމާންގެ މަގާމުގައި މިހާރު ހުންނެވި މަހުލޫފު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ މިއަދު ސިޔާސީ އެކަނިވެރިއެކެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ގެންނަވަން ބުރަ މަސައްކަތްތަކެއް ކުރެއްވި ޕީޕީއެމްގެ ރައީސް އަދި ކުރީސް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހިމް އާއި ޖޭޕީ އިން ވެސް ރައީސް ޔާމީނަށް ކުރައްވާ ތާއީދު ގެންދަވާފައިވުމެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ޖަލްސާއަށް ފާޑުވިދާޅުވެ މަހުލޫފުގެ ބަޔާނުގައި ވިދާޅުވީ، ތާއީދު އޮތްކަން ދައްކަން މާލެ އާއި ރަށްރަށުގެ ހުސް ބިންތަކުގައި ބަހައްޓާފައިވާ އެތައް ސަތޭކަ ބިލްބޯޑުތަކާ އެ ޖަލްސާތަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
މީގެ އިތުރުން، ވަޒީފާގެ ބިރު ދައްކާ މަޖުބޫރު ކުރުވާއިރު ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން އަދި އޭސީސީ އާއި އިލެކްޝަން ކޮމިޝަނުން ވެސް އަޅާލަމުންނުދާތީ އެކަމާމެދު ކަންބޮޑުވުންވަނީ ފާޅުކޮށްފަ އެވެ.