ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ކަނޑައަޅުއްވާފައިވާ ޑރ. އަފްރާޝީމް އަލީ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ޑރ. އަފްރާޝީމް ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރައްވަން މަޖިލީހުގައި ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓް ދެއްވާފައި ވަނީ އޭނާ ޖޭއެސްސީން ވަކިކުރެއްވުމަށެވެ. އަދި 34 މެންބަރުން ވޯޓް ދެއްވާފައި ވަނީ އޭނާ މެންބަރު ކަމުން ވަކިނުކުރުމަށެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެންމެ މެންބަރަކު ހުންނެވި އެވެ.

ޖޭއެސްސީން މެންބަރު ކަމުން ޑރ. އަފްރާޝީމް ވަކިކުރުމަށް މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ގާނޫނު އަސާސީއާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް އެ ކޮމިޝަންގައި ޑރ. އަފްރާޝީމް މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން ހައި ކޯޓަށް ފަނޑިޔާރަށް ކަނޑައެޅުއްވުމުގެ މައްސަލާގައި ސްޕްރީކޯޓްގެ ޝަރީއަތުގައި ޖޭއެސްސީގެ ފަރާތުން ޖަވާބުދާރީވެ، ވަކާލާތު ކުރައްވާނެ ބޭފުޅަކީ އެ ކޮމިޝަންގެ ނައިބު ރައީސް ޑރ. އަފްރާޝީމް ކަމަށް ކަނޑައަޅާފައި ވަނީ ކޮމިޝަންގެ މެންބަރުން ޖަލްސާއަކަށް ހާޒިރުވެގެން ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ޑރ. އަފްރާޝީމް އިސްކޮށްހުންނަވައިގެން އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ ސްޕްރީމް ކޯޓުގައި ޖޭއެސްސީގެ ފަފާތުން ޖަވާބުދާއިރީވުމަށް ނިންމާފައިވަނީ އެ ކޮމިޝަންގެ މެންބަރުން ޖަލްސާއަކަށް ހާޒިރުނުވެ، ކޮންފަރެންސް ކޯލަކުން، ފޯނަކުން ގުޅުއްވައިގެން މެންބަރުންގެ ތާއިދު ހޯދަވައިގެންނެވެ. ނަމަވެސް ޖޭއެސްސީގެ ގާނޫނުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ މެންބަރުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މެންބަރުން ހާޒިރުވެގެން ކަމަށް ބުނެފައިވެ އެވެ.

މޫސަ ވިދާޅުވީ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ޑރ. އަފްރާޝީމް އެ ކޮމިޝަންގެ މެންބަރުންނަށް ދެއްވާ އިނާޔަތް ނަންގަވާފައިވާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ. ޖޭއެސްސީގެ މެންބަރުނަށް ދެއްވާ މުސާރައާއި އެލަވަންސްތަކުގެ އިތުރުން ކޮމެޓީތަކަށް ވަޑައިގަންނަވާ މެންބަރުންނަށް ދެއްވާ އެލަވަންސްތައް ނަންގަވާ ކަމަށް ވިދާޅުވެ ކުރީގެ ޖޭއެސްސީގެ މެންބަރު އައިޝަތު ވެލްޒިނީ ވަނީ އެ މައްސަލަ ފެންމަތި ކުރައްވާފަ އެވެ.

"285 މާއްދާގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މާގާމުގައި ހުންނަވައިގެން ޑރ. އަފްރާޝީމް އަލީ ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން އަމަލްކުރައްވާފައިވާ ގޮތަށް ބަލާއިރު، ގާނޫނު އަސާސީއާއި ޖޫޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާ ހިލާފަށް އެ ކޮމިޝަންގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ޑރ. އަފްރާޝީމް އަލީގެ ދައުރު އޮތް ކަމާއި އެކަމުގައި ބައިވެރިވެވަޑައިގަންވާފައިވާ ކަން އިނގޭ،" އަފްރާޝީމް މެންބަރު ކަމުން ވަކިކުރުމަށް މައްސަލަ ހުށަހެޅުއްވަމުން މޫސަ ވިދާޅުވި އެވެ.

އެ މައްސަލައާމެދު ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްރާޝިމް އަލީ ވިދާޅުވީ ކޮމިޝަންގެ މެންބަރުން ޖަލްސާއަކަށް ވަޑައިނުގަންނަވައި ކޮންފަރެންސް ކޯލަކުން ގުޅައިގެން މެންބަރުންގެ ރުހުން ހޯދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ރުހުން ލިބޭ ގޮތަކަށް މައްސަލަ ނިންމުމަކީ ވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ތަހުޒީބުވަމުންދާ ގައުމުތަކުގައި ވެސް އަމަލް ކުރަމުންދާ ގޮތް ކަމަށް އަފްރާޝީމް އަލީ ވިދާޅުވި އެވެ. އަދި ޖޭއެސްސީގެ މެންބަރުންނަށް ދެއްވާ އިނާޔަތްތަކުގައި އޭނާ ހިތްޕަވާ ކަމަށް ދައްކެވި ވާހަކަފުޅުތަކަށް ވެސް އަފްރާޝީމް ރައްދުދެއްވި އެވެ.

ޖޭއެސްސީގެ މެންބަރުކަމުން ޑރ. އަފްރާޝީމް ވަކިކުރުމަށް ހުށަޙެޅި މައްސަލާގައި ބަހުސްގައި ޑރ. އަފްރާޝީމް އަލީގެ ދިފާއުގައި އިދިކޮޅު މެންބަރުން ވާހަކަފުޅު ދެއްކެވި އިރު، ތަސްމީން ފެކްޝަންގެ ބޭފުޅަކު އެ މައްސަލާގައި ވާހަކަފުޅު ނުދައްކަވަ އެވެ.