06 Nov 2016, 23:01
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ހ. ތެމާއަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ ބަލައިފާސްކޮށްފި އެވެ.
ހ. ތެމާ ބަލައި ފާސްކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ އެ އިމާރާތް ބަލައި ފާސް ކުރަން އަމުރު ނެރުނީ ޕީޕީއެމް އޮފީހުން ގެއްލުނު ތަކެތީގެ މައްސަލާއާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ހ. ތެމާއަކީ ޕީޕީއެމްގެ ކުރީގެ އޮފީހެވެ. އަދި އެ ޕާޓީގެ މިހާރުގެ އޮފީހަކީ ހ. ކޮރަލްރީފެވެ. އެގޮތުން ތެމާއިން ކޮރެލްރީފަށް ބަދަލުކުރި މުދާތަކުގެ ތެރެއިން ކޮމްޕިއުޓާ ފަސް ހާޑު ޑްރައިވާއި ޕާޓީގެ ދަފްތަރުގެ އިތުރުން ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އަދި ޕާޓީގެ ކޮމްޕިއިޓާ ހަތަރު ހާޑު ޑްރައިވް ފޯމެޓުކޮށްފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ތެމާއަށް ފުލުހުން ވަދެފައި ވަނީ ފުލުސް އޮފީހަށް މިރޭ ހާޒިރު ކުރި މައުމޫން ފެކްޝަންގެ ސެކަރެޓަރީ ޖެނަރަލް އަބްދުއް އަލީން ގޮވައިގެންނެވެ.
ހ. ތެމާއަށް އަލީމް ގެންދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ނެރެގެން ފުލުހުންގެ ވެހިކަލެއްގަ އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭ ހ. ތެމާއިން އޭނާ ނެރެގެން ވަނީ ގެންގޮސްފަ އެވެ.
އަލީމް ފަހުން ގެންގޮސްފައި ވަނީ އޭނާ ދިރިއުޅޭ ގެއަށެވެ. އެ ގެއަށް ގެންދިއުމަށްފަހު އެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރި އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަށްފަހު ފުލުހުން ވަނީ އަލީމް ދޫކޮށްލާފަ އެެވެ.
އަލީމް ދޫކޮށްލިއިރު އޭނާ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން މިރޭ ވަނީ ޕީޕީއެމްގެ އެސިސްޓަންޓް ރެޖިސްޓްރާ ފާތުމަތު ޝަހީދާ ވެސް ފުލުހުން އޮފީހަށް ހާޒިރުކޮށް، ޕީޕީއެމް އޮފީހުން ގެއްލުނު ތަކެތީގެ މައްސަލާގައި ސުވާލުކޮށްފަ އެވެ.
މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމަށްފަހު ތެމާ އިން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ޕީޕީއެމް އޮފީހުން އެއްޗެއް އެއްޗަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށެވެ.