06 Nov 2016, 21:00
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް މަޖިލީހުން އާންމު ކޮމެޓީން ނިންމައިފި އެވެ.
އާންމު ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާންމު ކޮމެޓީއަށް ފޮނުވި މައްސަލާގަ އެވެ.
އާންމު ކޮމެޓީގެ ނައިބު މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު "ސަން"އަށް މިރޭ ވިދާޅުވީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ރިޔާސަތުން ހުޅުވާލާ ބަހުސަށް ކޮންމެ މެމްބަރަކު ވާހަކަފުޅު ދެއްކެވުމަށް 15 މިނެޓް ލިބޭނެ ކަމަށެވެ. އަދި ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމުން ހުޅުވާލާ ފުރުސަތުގައި ހަތް މިނެޓް ލިބޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ އާންމު ކޮމެޓީން އެގޮތަށް ކަނޑައެޅީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުން ހުށަހެޅީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ކުޑަވާނެ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުން މިއަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ރިކަރަންޓު އެކްސްޕެންޑިޗާ ދަށް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަން އެގޮތަށް ކުރަން ނިންމީ ލިބޭ އާމްދަނީއާ ކުރާ ހަރަދާ އެއްހަމަ ކުރުމަށް ކަމަށެވެ.