07 Nov 2016, 00:38
ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ ވެއާ ހައުސް ސޭލް މިރޭ ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ އެ ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ފިލިޕްސް، ހިޓާޗީ، މަކީޓާ، ނިޕޯން އަދި ސެމްސަންގް ފަދަ ބްރޭންޑުތަކުގެ ސާމާނުގެ އިތުރުން، އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
"މި ސޭލްގައި އެސްޓީއޯ ސުޕަމާޓުން ވިއްކާ ކޮސްމެޓިކްސް ސާމާނު ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ. މި ސޭލް ކުރިއަށްދާ ދުވަސްތަކުގައި ސުޕަމާޓުގައި ވެސް، ސޭލްގައި ވިއްކާ ތަކެތި ހެޔޮ އަގުގައި ލިބެން ހުންނާނެ،" މީޑިއާ އަށް މައުލޫމާތު ދެމުން އެސްޓީއޯ ސުޕަ މާޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެސްޓީއޯގެ މުއައްޒަފުން މީޑިއާ އަށް މައުލޫމާތު ދެނީ - ސަން ފޮޓޯ: މުހައްމަދު އަފްރާހު
މި ސޭލް ކުރިއަށްދާނީ މިރެއިން ފެށިގެން މިވމަހުގެ 10 ވަނަ ދުވަހު ރޭގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އިން 10:00 އަށް އެސްޓީއޯ ސުޕަމާޓު ގުދަނުގަ އެވެ.
މި ސޭލްގައި ތަކެތި ވިއްކާ އަގުގައި، ސުޕަމާޓުން ތަކެތި ވިއްކި ނަމަވެސް ހޯމްއިމްޕްރޫވްމަންޓުގައި ވިއްކާ ތަކެތީގެ އަގަކަށް ބަދަލެއް ނާންނާނެ އެވެ. ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތީގެ އަގު ހެޔޮ ވާނީ ހަމަ އެކަނި ސޭލް އޮންނަ، އެކުންފުނީގެ ވެއާ ހައުސް އިން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިރޭ ފެށި މި ސޭލްގައި ރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ކޮންމެ ގަޑިއިރަކު ނަސީބުވެރިއަކު ގުރުއަތުން ހޮވަންވެސް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯއިން ވެއާ ހައުސް ސޭލް ގެ ނަމުގައި ސޭލް ބާއްވާތާ މިހާރު ދެއަހަރު ވެއްޖެ އެވެ. އެކުންފުނިން ބުނީ ސޭލް ބޭއްވި ދެ އަހަރުގައި ވެސް އެ ސޭލް އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.