06 Nov 2016, 21:27
އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައަށް އާސެނަލް އެރުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް ހޮޓްސްޕާއިން ގެއްލުވާލައިފި އެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ އެއްވަރުވެފަ އެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޓޮޓެންހަމް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ހާފުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ އާސެނަލެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު އާސެނަލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެލެކްސިސް ސަންޗޭޒް އާއި، ތިއޯ ވަލްކޮޓް އަދި އެލެކްސް އިވޯބީ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އާސެނަލުން ލީޑު ލިބިގެންދިޔަ އެވެ. އެ ލަނޑަކީ ޓޮޓެންހަމްގެ ޑިފެންޑަރު ކެވިން ވިމާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ދެ ވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މޫސާ ޑެމްބޭލޭ އަށް ލޯރެންޓް ކޮޝިއެލްނީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭން އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ހިއުންގް މިން ސޮން ދިން ބޯޅައަކުން ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އުފެއްދި ހަމަލާ، އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ 83 ވަނަ މިނެޓުގައި ވެސް އެރިކްސަން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ޓޮޓެންހަމް އަށް ލިބުނު ހިލޭ ޖެހުމަކުން އެރިކްސަން އުފެއްދި އެ ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ލީގު ތާވަލުގެ އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލަށް 11 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ސިޓީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް އެބައޮތެވެ. މިރޭ ވެޓްފަޑްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، 26 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއް ވަނައަށް ޖެހިލާނެ އެވެ.