ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބެއްލެވުމުގެ ދަށުން އެ ޕާޓީގެ އޮފީސް ހިންގެވިއިރު، އެ އޮފީހުގައި މަސައްކަތް ކުރި ޕީޕީއެމްގެ އެސިސްޓަންޓް ރެޖިސްޓްރާ އާއި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ސެކަރެޓްރީ ޖެނެރަލް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމްގެ އެސިސްޓަންޓް ރެޖިސްޓްރާ ފާތުމަތު ޝަހީދާ ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ މިރޭ 8:30 ގަ އެވެ. އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ސެކަރެޓަރީ ޖެނަރަލް އަދި މިހާރު މައުމޫން ފެކްޝަންގެ ސެކަރެޓަރީ ޖެނަރަލް (އެސްޖީ) އަބްދުލް އަލީމް އާދަމް ފުލުހަށް ހާޒިރުވާން ޖެހެނީ މިރޭ 9:00 އަށެވެ.

އެ ދެބޭފުޅުން ވެސް ފުލުހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ކަމެއް އަންގާފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ އެ ދެ ބޭފުޅުންވެސް ފުލުހުންގެ އިދާރާއަށް ހާޒިކުރަކުނީ ބަލަދަމުންދާ މައްސަލައަކާ ގުޅިގެން ކަމަށާއި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އަލީމް އާއި ޝަހީދާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި މިވަނީ، ހ. ތެމާގައި ޕީޕީއެމްގެ އޮފީސް ހިންގިއިރު އެތަނުގައި ބޭނުންކުރި ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކް ތަކާއި ބައެއް މުހިންމު ލިޔެކިޔުންތައް ނެތް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަނުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ރައީސް ޔާމީން ފެކްޝަނުގެ ތަރުޖަމާން އަދި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ކުރިން ވިދާޅުވެފައި ވަނީ، ކޯޓު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޕީޕީއެމްގެ އޮފީހުން ތަކެތި ނެރުނު އިރު، ގިނަ ކޮމްޕިއުޓަރު ތަކުގެ ހާޑް ޑިސްކްތަކާއި ބައެއް މުހިއްމު ލިއުންތައް ނެތް ކަމަށެވެ.

އޭގެ ތެރޭގައި ޕާޓީގެ ހިސާބުތަކާއި ކުރީގެ ކުރެވިފައި ހުރި ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ އިތުރުން އެހެން މީސްމީހުންނާ ހެދިފައި ހުރި އެއްބަސްވުންތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.