06 Nov 2016, 21:15
ގެރެތް ބޭލް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0ގެ ނަތީޖާ އަކުން ލެގަންސް ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރެއާލް އެއްވަނާގައި އޮތީ ކުޅުނު އެގާރަ މެޗުން 27 ޕޮއިންޓެ ލިބިގެންނެވެ. ދެވަނާގައި އޮތް ބާސެލޯނާ އޮތީ ކުޅުނު ދިހަ މެޗުން 22 ޕޮއިންޓެ ލިބިގެންނެވެ. ނަމަވެސް މިރޭ ބާސެލޯނާއިން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބްކޮށްގެން އެ ޓީމަށް ރެއާލްގެ ލީޑް ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ލީގުގެ ތިން ވަނާގައި އޮތޭ ރޭ ރެއާލް ސޮސެއިޑޭޑް އަތުން ބަލިވި އެތުލެޓިކޯ މެޑްރިޑެވެ.

ރެއާލް މެޑްރިޑް އާއި ލެގަންސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ރެއާލްގެ ސެންޓިއާގޯ ބާނަބައުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ގޯލުގެ ލީޑެއް ނެގިއިރު އެ ދެގޯލު ވެސް ކާމިޔާބްކޮށްދީފައި ވަނީ ބޭލްއެވެ. ފުރަތަމަ ގޯލު މެޗުގެ 38 ވަނަ މިނެޓްގައި ބޭލް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާ ބޭރުން އިސްކޯ ޖައްސާލި ބޯޅަ އެއް ބޭލް ހިފައިގެން ގޮސް ގޯލު ކީޕަރު ވެސް ބީޓުކުރުމަށް ފަހުއެވެ.
ރެއާލްގެ ދެވަނަ ގޯލު މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގައި ބޭލް ކާމިޔާބުކުރީ އެޓީމަށް ލިބުނު ހިލޭ ޖުހުމެއް ޓޮނީ ކްރޫސް ޕެނަލްޓީ އޭރިއާ ތަރެއަށް ހުރަސްކޮށްލުންމުން ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ރެއާލްގެ ތިން ވަނަ ގޯލު 77 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓޯ ކާމިޔާބް ކުރީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ލީގުގައި ދެން ރެއާލްއަށް އޮތީ ވަރުގަދަ މެޗެކެވެ. މި މަހު 20 ވަނަ ދުވަހު ރަށުން ބޭރުގައި އެ ޓީމު ނުކުންނާނީ ވާދަވެރި އެތުލެޓިކޯއާ ދެކޮށެވެ.