06 Nov 2016, 17:42
ބަންގްލަދޭޝްގައި ރަހީނުކޮށްފައި ތިބި ދިވެހި ދެ މައިން ސަލާމަތްކުރުމުގައި އެ މީހުންގެ އާއިލާއަށް އިރުޝާދު ދެމުންގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބިދޭސީއެއްގެ ލޯބީގެ އަވައިގައި ޖެހި ކައިވެނިން ބޭރުން ލިބިފައިވާ ދެ އަހަރުގެ ދަރިފުޅު ގޮވައިގެން އާއިލާއަށް ފިލައިގެން ބަންގުލަދޭޝަށް ދިޔަ އަންހެނަކާއި އޭނާގެ ދަރިފުޅު ވަނީ އެ ގައުމުގައި އެވެ.
ބަންގުލަދޭޝްގެ "ކިޝޮރަގަންޖް" އަވަށުގައި ރަހީނުކޮށްފައި އިން އަންހެން މީހާގެ މަންމަ މިހާރު ދަނީ ބަންގުލަދޭޝްގައި އެ ދެމައިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި މަހު 12 ގައި ވިސާ މުއްދަތު ހަމަވެގެން އެނބުރި ރާއްޖެ އަންނަން ޖެހޭއިރު، އެ މައްސަލާގައި މިހާތަނަށް އަދި އަލިމަގެއް ލިބިފައެއްނުވެ އެވެ.
އެ މައްސަލާގައި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި އަންހެނަކު ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ފޮރިން މިނިސްޓްރީއަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމަށް ޑާކާގައި ހުންނަ ދިވެހި އެމްބަސީ އާއި މިނިސްޓްރީން ހަރަކާތްތެރިވަމުންދާއިރު، ހާލުގައި ޖެހިފައިއިން އަންހެން މީހާގެ އާއިލާއާ މިނިސްޓްރީން ބައްދަލުކޮށް އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ މައްސަލާގައި އެ މިނިސްޓްރީގެ އެހީތެރިކަމާ އެއްބާރުލުން އާއިލާއަށް ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް ލިބިފައިވާ ކުރިއެރުމެއް ފޮރިން މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
މާލެއަށް ނިސްބަތްވާ އާއިލާގެ ފަރާތުން ސަން އަށް މައުލޫމާތު ދިން މީހާ ބުނީ، އެ ދެމައިން ސަލާމަތްކުރުމަށް، ރަހީނުކޮށްފައި ތިބި އަވަށަށް ދިއުމުން ހަމަނުޖެހުން ހިންގާ ކަމަށެވެ.
ދިވެހި ފޮރިން މިނިސްޓްރީއަށާއި ބަންގުލަދޭޝް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުން ބުނީ އެ ދެމައިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަހީނުކޮށްފައިވާ ޒުވާން އަންހެން މީހާ ބަންގުލަދޭޝް މީހާއާ ލޯބީގެ ގޮތުން ގުޅުނީ ބަންގުލަދޭޝް މީހާ ރާއްޖޭގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. އެ ބަންގުލަދޭސް މީހާ މިހާރު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖޭން ޑީޕޯޓްކޮށްލައިފަ އެވެ.
އަންހެން މީހާ ފިލައިގެން ބަންގުލަދޭޝަށް ދިޔައީ އެ ފިރިހެން މީހާއާއެކު އުޅުމަށެވެ. އެހެން އުޅުމުގެ ތެރޭގައި އެތައް އަނިޔާއެއް ލިބެން ފެށުމުން މާލޭގައި އުޅޭ އޭނާގެ އާއިލާއަށް ގުޅައި ސަލާމަތް ކުރަން އެދުމުން އެ އާއިލާއިން މިހާރު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.