ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރާ ހަމައަށް އާކުރުމަށް އެ ކްލަބުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމާފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި، މެޑްރިޑްގެ ޑިރެކްޓަރުންނާ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ބައްދަލުކޮށް، ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމުން ރޮނާލްޑޯ އަލުން ވެގެންދާނީ އެންމެ ދުނިޔޭގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާއަށެވެ. ދާދި ފަހުން ރެއާލްއާއެކު ވޭލްސް ތަރި ގެރެތު ބޭލް ހަދާފައިވާ އެއްބަސްވުން އާކުރުމުން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކަށް އޭނާ ވެފައިވެ އެވެ. އޭގެ ކުރިން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ މަގާމުގައި އޮތީ ރޮނާލްޑޯ އެވެ.

އުމުރުން 31 އަހަރުގެ ރޮނާލްޑޯ ވަނީ ރެއާލަށް މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީ، ޕޯޗުގަލަށް ޔޫރޯ 2016 ކާމިޔާބު ކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގައި ރޮނާލްޑޯ ވަނީ ރެއާލަށް ކުޅުނު 11 މެޗުން ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.