06 Nov 2016, 16:59
މި މަހުގެ 21 އިން 22 އަށް އިންޑިއާގެ ނިއުދިއްލީގައި އޮންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016އަށް ދާ ދިވެހީން ގެންދިއުމަށް ޤައުމީ އެއާލައިންް، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޮތީ ތައްޔާރަށެވެ.
މޯލްޑިވިއަނުން 250 ޑޮލަރުގެ ރިޓާން ފެއާއެއް ވެސް އެ ދަތުރަށް ވަނީ އިއުލާން ކޮށްފައެވެ. މި ޚާއްސަ ފްލައިޓު ދިއްލީއަށް ދިއުމަށް މާލެއިން ފުރާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 08:00 ގައެވެ. ރިޓާން ފްލައިޓު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު މެންދުރެވެ.
އިންވެސްޓްމެންޓް ފޯރަމަށް ދާ މޯލްޑިވިއަންގެ މި ޚާއްސަ ފްލައިޓާ ދިމާކޮށް، އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ޓްރެވަލް އޭޖެންސީ މޯލްޑިވިއަން ހޮލިޑޭޒްއިން މިވަނީ، އެ ފްލައިޓުގައި ދިއްލީއަށް ދިއުމަށްފަހު، އިންޑިއާގެ ރަމްޒެއްގެ ގޮތުގައި މުޅި ދުނިޔެއިން ވެސް ބަލައިގަންނަ ތާޖް މަހަލް ބަލާލަން ދިއުމަށް ތިން ދުވަހުގެ ޚާއްސަ ހޮލިޑޭ ޕެކޭޖެއް ތައާރަފު ކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ، އެ ފްލައިޓަކީ އިންވެސްޓްމެންޓް ފޯރަމަށް ޚާއްސަ ފްލައިޓެއް ނަމަވެސް، އާންމުންނަށް ވެސް ފްލައިޓު އޮތީ ހުޅުވާލާފައި ކަމަށެވެ.
މޯލްޑިވިއަން ހޮލިޑޭޒްއިން ތައާރަފު ކޮށްފައިވަނީ، އުއްތަރު ޕްރަދޭޝްގެ އާގްރާ ސިޓީއަށް ޒިޔާރަތްކޮށް، ތާޖް މަހަލްއާއި އާގްރާ ކިއްލާ (އާގްރާ ފޯޓް) ދެކިލަން ދެވޭ، ތިން ރޭގެ ޕެކޭޖެކެވެ. މި ޕެކޭޖުގެ އަގަކީ 499 ޑޮލަރެވެ.
އެ އަގުގެ ތެރޭގައި މާލެއާއި ނިއުދިއްލީއާ ދެމެދު ކުރެވޭ ދަތުރުގެ ފެއާގެ އިތުރުން، އެއާޕޯޓާއި ހޮޓަލާ ދެމެދު ކުރާ ދަތުރުގެ ޚަރަދާއި، ތާޖް މަހަލް އަދި އާގްރާ ފޯޓަށް ދިއުމުގެ ޚާރަދާއި، އެކޮމޮޑޭޝަނާ އެކު ހެނދުނުގެ ނާސްތާގެ ޚަރަދު ހިމެނެއެވެ. މީގެ އިތުރުން މި އަގުގެ ތެރޭގައި ޓެކްސްތައް ވެސް ކަވަރު ވާނެ ކަމަށް މޯލްޑިވިއަން ހޮލިޑޭޒްއިން ބުނެއެވެ.