06 Nov 2016, 16:16
ދުނިޔޭގައި ގާއިމުކޮށްފައިވާ އެންމެ ބޮޑު، ކަނޑު އަޑީގެ ރެސްޓޯރަންޓު ހިމެނޭ ހުރަވަޅި މޯލްޑިވްސް ރިސޯޓު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ހުޅުވާނެ އެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ތަރައްގީކޮށް ހިންގާ ހުރަވަޅި މޯލްޑިވްސް ރިސޯޓު ހުޅުވުމަށް މީގެ ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ހުޅުވުން ޑިސެމްބަރު މަހަށް ފަސްކުރީއެވެ.
ޅ. ހުރަވަޅީގައި ހަދާފައިވާ ހުރަވަޅި މޯލްޑިވްސް ރިސޯޓުގައި 60 އޯޝަން ވިލާއާއި 30 ބީޗު ވިލާ ހިމެނޭ ގޮތަށް ޖުމްލަ 90 ވިލާ ހުންނާނެ އެވެ.
މީގެ އިތުރުން އެ ރިސޯޓަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ރިސޯޓެއްކަން ފާހަގަ ކޮށްލެވެ އެވެ. ސޯލާ ޕެނަލްތަކުން އެ ރިސޯޓަށް ބޭނުންވާ ކަރަންޓު އުފައްދާ އިރު، އެތަނުގައި ފެން ފުޅި ބަންދުކުރާ ޕްލާންޓެއްވެސް ހުރެ އެވެ.
ހުރަވަޅި ރިސޯޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ރިސޯޓެކެވެ. މުޅި ދުނިޔޭގައި ވެސް، ކަނޑުއަޑީގައި ބަހައްޓާފައިވާ އެންމެ ބޮޑު ރެސްޓޯރަންޓް ހުންނަނީ ހުރަވަޅީގަ އެވެ. "5.8" ނަމަކަށް ކިޔާ ރެސްޓޯރަންޓް ނިއުޒިލެންޑުގައި ހަދައިގެން ރާއްޖެ ގެނެސް އިންސްޓޯލްކުރުމުގެ ހުރިހާ މަސައްކަތެއް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
އެ ރިސޯޓުގެ ދިގުމިނުގައި 22.2 މީޓަރު ހުންނަ އިރު، ރެސްޓޯރަންޓް ހުންނަނީ ކަނޑުގެ 5.8 މީޓަރު އަޑީގަ އެވެ. ރެސްޓޯރަންޓުގައި 24 މީހުންގެ ޖާގަ ހުންނާނެއެވެ. އެއީ މޭޒެއްގައި ދެމީހުންނަށް ތިބެވޭ ގޮތަށް 12 މޭޒެވެ.
ހުރަވަޅި ރިސޯޓު ޑިސެމްބަރު އެކެއްގައި ހުޅުވާން ތައްޔާރުވަމުންދާ އިރު، އެ ރިސޯޓުން ވަނީ ޕްރޮމޯޝަނަލް ޑިސްކައުންޓެއް ވެސް އިއުލާން ކޮށްފަ އެވެ.
އެގޮތުން، އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުރަވަޅި ރިސޯޓަށް ހަދާ ބުކިންގްތަކުން 20 ޕަސަންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ. އަދި ޑިސްކައުންޓް ލިބޭނީ ޑިސެމްބަރު އެކަކުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ދެމެދު، ރިސޯޓުގައި ދުވަސް ހޭދަކުރަން އަންނަ ނަމަ އެވެ.