06 Nov 2016, 16:10
އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެނަކު، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ރަހީނުކޮށްފި އެވެ.
ކާބުލްގައި ހުންނަ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާސް އެންޑް ޓްރޭޑް އިން ކެންބެރާގެ ތަރުޖަމާންއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހާ ރަހީނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހޯދަން ޖެހޭ މައުލޫމަތުތައް ހޯދުމުގެ މަސައްކަތް ކާބުލްގައި ހުންނަ އެގައުމުގެ އެމްބަސީން މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަފްޣާނިސްތާނުގެ ޓީވީ ޗެނަލެއް ކަމަށްވާ ޓޯލޯ ނިއުސް އިން ރިޕޯޓުކުރި ގޮތުގައި އެ އަންހެން މީހާ ރަހީނުކޮށްފައި ވަނީ ބަޑިން ބިރުދައްކައިގެން ޤަލާއި ފަތުއްލާ ސަރަހައްދުންނެވެ.
ރަހީނު ކުރުމަކީ އަފްޣާނިސްތާނުގައި އާންމު ކަމެކެވެ. ގިނައިން ރަހީނު ކުރަނީ އެގައުމަށްދާ ބޭރު ގައުމުތަކުގެ މީހުންނެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހު ވެސް އެގައުމުގައި ވަނީ އޮސްޓްރޭލިއާގެ އަންހެނަކު ރަހީނުކޮށްފަ އެވެ. އެމީހާ ދޫކޮށްލާފައި ވަނީ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އަދި އޯގަސްޓު މަހުގެ ތެރޭގައި އިތުރު މީހަކު ވެސް ރަހީނުކޮށްފައިވެ އެވެ. އެމީހާ އަދި މިނިވަން ކޮށްފައި ނުވެ އެވެ.