ފުލުހުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ، އެ މުއައްސަސާގެ އިކޮނިމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02، އިބްރާހިމް ނިޔާޒް، 31 އަހަރު ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ނިޔާޒް ހޯދަމުން ދަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މީހަކު އެއްޗެހި ތަކެއް ގަނެ، އެ އެއްޗެހި ތަނަކަށް ރައްދު ކޮށްދޭން އޭނާއާ ހަވާލުކުރުމުން އެ އެއްޗެހި ހިފައިގެން ފިލައިގެން އުޅޭ ކަމުގެ ތުހުމަތެއްގަ އެވެ.

ފުލުހުން ބުނީ، ނިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

ހިޔާނާތުގެ މައްސަލައެއްގައި މީހަކު ހޯދަން ފަށާފައިވާއިރު، މާލެއިން އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލި މ. ގްރީންޕީކް އަލީ ނަސީމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުންނެވެ. ފުލުހުން ވަނީ އޭނާގެ އަވާގައި ޖެހި، ފައިސާ ދިން ފަރާތްތަކުން ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށެވެ.