06 Nov 2016, 16:13
އިރާގުގެ މޫސަލްއަށް ގަދަވެފައިވާ ހަނގުރާމަވެރިންގެ މައްޗަށް ކުރި ހޯދުމަށް އިރާގު ސިފައިން ފަށާފައިވާ އޮޕަރޭޝަނުގައި ކުރި ހޯދަމުން ގޮސް އެ ޑިސްޓްރިކްޓުގެ އެއާޕޯޓުގެ ހަތަރު ކިލޯ މީޓަރާ ހަމައަށް އެގައުމުގެ ސިފައިން ގާތް ވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިރާގު ސިފައިން މިހާރު ވަނީ މޫސަލްގެ ހައްމާމް އަލް އަލިލް ޑިސްޓްރިކްޓުގެ މެދު ތެރެއިން އައިއެސްގެ ބާރު ކަނޑުވާލައި، އެސަރަހައްދުގެ ކޮންޓްރޯލް ހޯދާފަ އެވެ. ނަމަވެސް ހަނގުރާމަވެރިން އެ ރަށުން އެއްކޮށް ފައްސާލެވިފައިވާކަން އަދި ޔަގީން ނުވެ އެވެ.
މޫސަލް މިނިވަންކުރުމަށް ހަނގުރާމަކުރާ އިރާގު ސިފައިންވަނީ އެ ރަށުގެ އަވަށްތަކުގެ ތެރޭން 13 އަވަށެއް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފަ އެވެ.
މޫސަލްގެ ހަނގުރާމަ ކުރިޔަށްގެންގޮސް އެ ރަށުން އައިއެސް ޖަމާއަތް ފައްސާލުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެރަށުގައި ގިނަ އަދަދެއްގެ އާންމުން ތަށިވެފައި ތިބުމާއި އައިއެސް އިން ހަނގުރާމައިގެ އައްޑަނައެއްގެ ގޮތުގައި އެމީހުން ބޭނުން ކުރަމުން ދިޔުމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މޫސަލްގައި މިހާރުވެސް ދޮޅުލައްކަ އެއްހާމީހުން ތާށިވެފައި އެބަތިއްބެވެ.
މިހާތަނަށް ދެ ލައްކައެއްހާ މީހުން މުސަލްއިން ނުކުމެފައިވާ ކަމަށް ބެލެވިފައިވާ އިރު އެމީހުން ބޭތިއްބުމަށް އދ. އިން ތައްޔާރުކޮށްފައިވާ ވަގުތީ ފޭލިގެތައްވަނީ ފުރިފަ އެވެ.
މިއާއެކު އދ. އިން ވަނީ މޫސަލްއިން އަންނަ ރެފިއުޖީންނަށް ކާބޯތަކެއްޗާ ބޭހާ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި 250 މިލިޔަން ޑޮލަރުގެ އެހީއަކަށް އެދި ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފަ އެވެ.