ނިއު ދެއްލީ - ވޭތުވެދިޔަ އަހަރުތަކުގައި ގޯސް ނުވާވަރަށް އިންޑިއާގެ ވެރިރަށް ނިއު ދެއްލީގެ ވައި ނުސާފުވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހަށް އެ ސިޓީގެ ސްކޫލްތައް ބަންދުކުރަން ނިންމައިފި އެވެ.

ނިއު ދެއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ހުރިހާ ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން މަސައްކަތްތައް ވެސް ކުރިއަށް އޮތް ފަސް ދުވަހަށް މަނާކޮށްފައިވާ ކަމަށެވެ.

އަދި ބޭރަށް ނުކުތުން ވީހާ ވެސް މަދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ދެއްލީގެ ސްޓޭޓް ސަރުކާރުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި ދެއްލީގެ ވައި ނުސާފުވެ ދުން ބޯވެފައިވާ އިރު އެކަން ހައްލުކުރުމަށް ލޯކަލް އަދި މަރުކަޒީ ކަމާ ބެހޭ އިދާރާތަކުން ދަނީ ބައްދަލު ކުރަމުންނެވެ.

ނިއު ދެއްލީގެ ޗީފް މިނިސްޓަރު ކެޖްރިވާލް ޗެއާ ކުރައްވާ ބޭއްވި ސްޓޭޓް ކެބިނެޓްގެ އެމަޖެންސީ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އެ ސިޓީގެ ވައި ނުސާފުވެފައިވާ މައްސަލަ ހައްލުކުރުމަށް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.

އެގޮތުން ދެއްލީ ސަރުކާރުން ދަނީ ހިރަފުސްވުން ކުޑަކުރުމަށް އެ ސިޓީގެ ބޮޑެތި މަގުތަކަށް ފެންޖަހައި އެ ސިޓީގައި ހުންނަ ޕަވާ ޕްލާންޓެއް ބަންދުކުރަން ނިންމާފަ އެވެ. (އޭއެފްޕީ)