06 Nov 2016, 15:42
ތެހެރާން (ނޮވެމްބަރު 6) : އީރާނުގެ ނައިބު ރައީސް ކަމުގެ މަގާމަށް އަންހެން ބޭފުޅެއްކަމަށްވާ ޑރ. ޒަހްރާ އަހްމަދީޕޫރު ޢައްޔަން ކުރައްވައިފި އެވެ.
އީރާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއް ބުނާ ގޮތުން ރައީސް ހަސަން ރޫހާނީ ވަނީ އެގައުމުގެ ނައިބު ރައީސްކަމުގެ މަގާމަށާއި އީރާނުގެ ކަލްޗަރަލް ހެރިޓޭޖް، ހެންޑިކްރާފްޓް އެންޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ ވެރިޔާގެ މަގާމަށް ޑރ. ޒަހްރާ އަހްމަދީޕޫރު ޢައްޔަން ކުރައްވާފަ އެވެ.
މިބަޔާން ބުނާގޮތުން ޑރ. ޒަހްރާގެ މަސައްކަތަކީ އީރާން ސަރުކާރުގެ އެންމެހާ މުއައްސަސާތަކުގެ އިދާރީކަންކަން ސްޕަވައިޒްކުރުމާއި ގާނޫނީ އަދި އިސްލާމީ ޕްރިންސިޕަލް ތަކާއެއްގޮތަށް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ދޭންޖެހޭ ލަފާދިނުމާއި އެކަމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް ރޫހާނީގެ ރިޔާސީޓީމާ ގުޅިގެން މަސައްކަތް ކުރެއްވުމެވެ.
ޑރ. ޒަހްރާ އަކީ އީރާނުގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މަޝްހޫރު އެކަޑަމިކް އެކެވެ. އޭނާއަކީ ޖިއޮޕޮލިޓިކްސްގެ ދާއިރާއިން އެމެރިކާގައި ޑޮކްޓަރއޮފް ފިލޯސަފީ ހައްދަވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ. މާސްޓާސް ހައްދަވާފައި ވަނީ އާބަން ޕްލޭނިންގް ގެ ދާއިރާއިންނެވެ. އީރާނުގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ވެސް ދެބޭފުޅުން ތިއްބަވަ އެވެ. އެއީ ޝަހިންދޫޚުތް އާއި މައުސޫމާ އިބްތިކާރު އެވެ.
އީރާނުގެ ގާނޫނު އަސާސީ ބުނާގޮތުން ނައިބު ރައީސްކަމަށް ގިނަވެގެން 4 ބޭފުޅުން އައްޔަން ކުރެވިދާނެ އެވެ. މިމަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސްއަށެވެ. ނަމަވެސް ރައީސް އައްޔަން ކުރައްވާ ނައިބުރައީސުންނަށް ޕާލަމެންޓްގެ ރުހުން ލިބެންޖެހެ އެވެ. ޑރ. ޒަހްރާއަށް ރުހުން ދިނުމުގެ މައްސަލަ އަންގާރަ ދުވަހު ބާއްވާ ޕާލަމެންޓްގެ ސެޝަންއަށްވަނީ އެޖެންޑާކޮށްފަ އެވެ. (އަލްއާލަމް)