13 Jun 2011, 12:20
ލަންކާގެ ކުންފުންޏަކަށް ދައްކަން ޖެހޭ ކަމަށް ބުނާ 900،000 )13.8 މިލިއަން ރުފިޔާ( ޑޮލަރު ނުދައްކައިގެން ކޮލަމްބޯ ބަނދަރުގައި ހިފަހައްޓާފައި އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް )އެމްއެންއެސްއެލް(ގެ ބޯޓު މިނިވަންކުރަން، އެކުންފުނިން 800،000 ޑޮލަރުގެ ބޭންކު ގެރެންޓީ ލަންކާ ކޯޓުގައި ބެހެއްޓުމުން އެ ބޯޓު ދޫކޮށްލައިފި އެވެ.
އެމްއެންއެސްއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަމީދު މިއަދު ވިދާޅުވި ގޮތުގައި، ލަންކާގެ މޯލް ޝިޕް ކުންފުންޏަށް ދައްކަން ޖެހޭ ނުވަ ލައްކަ ޑޮލަރު ދައްކާފައިނުވާ ކަމަށް ބުނެ އެކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ކޮލޮމްބޯ ބަނދަރުގައި ހައްޔަރުކުރި "މޯލްޑިވް ސްޓާ" ދޫކޮށްލީ ކޯޓުގައި މިދިޔަ ހަފުތާގައި 800،000 ޑޮލަރުގެ ބޭންކް ގެރެންޓީ ބެހެއްޓުމުން ބުރާސްފަތި ދުވަހު ކަމަށެވެ.
އަދި ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އާބިޓްރޭޝަނަށް ދިއުމަށް ނިންމާފައިވާ ކަމަށާއި ބޭންކު ގެރެންޓީ ދޫކުރާނީ އާބިޓްރޭޝަނުން ނިމޭ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޓު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތު ދުވަހު ކަމަށާއި އަދި އަންނައިރު މުދާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮލޮމްބޯ އައުޓް ހާބަރުން މުދާ އަރުވައިގެން މޯލްޑިވް ސްޓާ ފުރަން އުޅެނިކޮށް ހިފެހެއްޓިއިރު، އެބޯޓުގައި 24 ފަޅުވެރިން ތިއްބެވެ.
އަށްހާސް ޓަނުގެ މޯލްޑިވްސް ސްޓާއަކީ މިހާރު އެމްއެންއެސްއެލްގައި އޮތް ހަމައެކަނި ބޯޓެވެ. ކުރިން އެކުންފުނިން އޮޕަރޭޓްކުރި ދެ ބޯޓު، "މޯލްޑިވް އެންޓަޕްރައިސަސް" އާއި "މޯލްޑިވްސް ކެރިއާ" މިހާރު ވަނީ ވިއްކާލައިފަ އެވެ.