06 Nov 2016, 14:50
ދެމެހެއްޓެނިވި ޓޫރިޒަމަށް ދޭ ހާއްސަ އެވޯޑުގެ ގޯލްޑް ސެޓްފިކެޓް ރާއްޖޭގެ ކުރަމަތި ރިސޯޓާއި މާފުށިވަރަށް ލިބިއްޖެ އެވެ.
މިއީ ކުރަމަތި ރިސޯޓަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި އެވޯޑު އެ ރިސޯޓަށް ލިބުނީ 2013 ވަނަ އަހަރު އެވެ. މި އަހަރުގެ އެވޯޑު ދެން ލިބުނު މާފުށިވަރު ރިސޯޓަކީ ވެސް ކުރަމަތި ރިސޯޓު ހިންގާ ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ.
މި އެވޯޑާ އެކު، ކުރަމަތި ރިސޯޓަށް ވަނީ ޓީޔޫއައި އެންވާރަމެންޓަލް އެވޯޑު 2016 ވެސް ލިބިފަ އެވެ. އެ އެވޯޑު ލިބުމާ ގުޅިގެން އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެވޯޑު ލިބިފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް އެ ރިސޯޓުން ކުރަމުން އަންނަ ކަންކަމުގެ ސަބަބުން ކަމަށާއި އެ އެވޯޑަކީ ދެ ރިސޯޓަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މިއަދު މި ލިބުނީ މިފަދަ ފަސް ވަނަ އެވޯޑު. މި އެވޯޑުގެ ލިބުމުގެ ފަހަތުގައި ތިބީ މިތަނުގެ ހީވާގި މުއައްޒަފުން. އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.
ކުރަމަތި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުލް ލަތީފު ވިދާޅުވީ މި އެވޯޑު ލިބިފައި ވަނީ ތިމާވެށީގެ ކަންކަމަށް އެ ރިސޯޓުން ބަހައްޓާ އަހައްމިއްޔަތުގެ ސަބަބުން ކަމަށާއި، މި ކާމިޔާބު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ކުރަމަތި ރިސޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ރިސޯޓެކެވެ. މި ރިސޯޓު ހިންގާ ކުންފުންޏަކީ 100 ޕަސެންޓު ދިވެހިން ހިއްސާވާ ކުންފުންޏެވެ. ބޮޑު މިނުގައި 500 މީޓަރު ހުންނަ ކުރަމަތީގައި ހިތްގައިމު ވިލާތައް ހުންނައިރު ތިން ސުވިމިން ޕޫލް ވެސް އޮވެ އެވެ.