އާސެނަލަކީ ލަންޑަންގެ އެންމެ މޮޅު ކްލަބު ކަމަށް އެ ކްލަބުގެ ލެޖެންޑް ރޮބާޓް ޕިރޭސް ބުނެފި އެވެ.

ޕިރޭސް އަކީ އާސެނަލަށް 2003-04 ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް އިސްދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. އޭރު ލީގު ކާމިޔާބުކުރިގޮތަށް މި ސީޒަނުގައި އާސެނަލަށް ލީގު ނުހޯދެންވީ ސަބަބެއް ނެތް ކަމަށް ޕިރޭސް ބުނެ އެވެ.

ޕްރިމިއާ ލީގުގައި މިއަދު އާސެނަލް ނުކުންނަން ޖެހޭނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. ތާވަލުގެ ތިން ވަނައިގައި އޮތް އާސެނަލާއި ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަކީ ވެސް ލަންޑަނަށް ނިސްބަތްވާ ކްލަބުތަކެވެ. އަދި މި ވަގުތު ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ ވެސް ނިސްބަތްވަނީ ލަންޑަނަށެވެ.

އާސެނަލްގެ ކުޅުންތެރިން: މިއަދު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އާސެނަލަށް ލީގު ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ ---

"އަހަރެންނަށް ލަންޑަންގެ އެންމެ މޮޅު ކްލަބަކީ އާސެނަލް. ޗެލްސީ އަދި ޓޮޓެންހަމް ވެސް ވަރަށް ވަރުގަދަ. އަދި އެ ދެ ކްލަބު ވެސް މިއަހަރު ވާދަވެރިކަމެއް ދައްކާނެ. ލީގު ނިމޭއިރު ވާނެގޮތެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު މި ސީޒަނުގައި އާސެނަލަށް ލީގު ނުހޯދެންވީ ސަބަބެއް ނެތް،"އީވްނިންގް ސްޓެންޑާޑްއަށް ދިން އިންޓަވިއުއެއްގައި ޕިރޭސް ބުންޏެވެ.

ޕިރޭސް ބުނީ، އާސެނަލަކީ ޓޮޓެންހަމް އަށްވުރެ ވަރުގަދަ ޓީމެއް ކަމަށާއި އެކަމަކު މި ސީޒަނުގައި ޓޮޓެންހަމް އަށްވެސް ވަރަށް ރަނގަޅު ފުރުސަތުތަކެއް އެބައޮތް ކަމަށެވެ. އަދި މި ސީޒަނުގައި މެންޗެސްޓާ ސިޓީ ބަލިކުރި މެޗުގައި ޓޮޓެންހަމް ދެއްކި ކުޅުން ވެސް ޕިރޭސް ފާހަގަކުރި އެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް އާސެނަލް ނުކުންނާނީ ރާއްޖޭގަޑިން މިއަދު ހަވީރު 5:00ގައެވެ. އެ މެޗުން މޮޅުވެގެން އާސެނަލަށް ލީގު ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.