06 Nov 2016, 14:34
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާގެ އެއްބަސްވުން އުވާލައި އެތަން ސަރުކާރަށް ނެގީ އެއްބަސްވުމުގެ މަގުސަދާ ޚިލާފުވުމުން ކަމަށް ދައުލަތުން ބުނެފި އެވެ.
ތ. އެލާގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ވިލާ ޝިޕިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައި ވަނީ އެތަން އަނބުރާ ސަރުކާރުން ނެގީ އެއްބަސްވުމާ ޚިލާފު ބާތިލް ނިންމުމެއް ކަމަށެވެ.
ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން ސްޓޭޓް އެޓާނީ ސަލްވާ ހަބީބު ވިދާޅުވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކުރި "އެމެންޑެޑް އެންޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރީމެންޓް" ބާތިލް ކޮށްފައި ވަނީ އެ އެއްބަސްވުމުގެ މާއްދާ އަކާ ޚިލާފުވެގެން ނޫން ކަމަށާއި އެއްބަސްވުން ބާތިލްކުރީ އޭގެ މަގުސަދާ ޚިލާފުވުމުން ކަމަށެވެ.
ސަލްވާ ވިދާޅުވީ ދެފަރާތެއްގެ ދެމެދުގައިވާ އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފެއް އުފެދިއްޖެ ނަމަ، އެ އެއްބަސްވުމެއް މާނަކުރުމުގައި ރިއާޔަތްކުރެވޭނީ އޭގެ މަގުސަދަށް ކަމާއި، މާނަކުރެވޭނީ އޭގައިވާ ލަފްޒުތަކަށް ނޫން ކަމަށް އިސްލާމީ ފިގުހުގައި ގާއިމްވެފައިވާ ޤާއިދާއަކުން އެނގޭ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ އަށް ޖަވާބުދާރީވާން ވިލާ ޝިޕިން އަށް ފުރުސަތު ދިނުމަށްފަހު އެވެ.