06 Nov 2016, 14:47
އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަވެރި ކުޅުމަކަށްފަހު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން އެންމެ ފަހުގެ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބު މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗުގައި މޯލްޑިވިއަންގެ މައްޗަށް ދިވެހި ސިފައިން ކުރި ހޯދާފައި ވަނީ 3-2 ސެޓުންނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ސިފައިންނާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވެފައި ވަނީ 3-2 ސެޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައި ވަނީ ސިފައިންނެވެ. މެޗުގެ ސެޓުތައް ސިފައިން ގެންގޮސްފައި ވަނީ 25-22، 25-22 އިންނެވެ. ޖެހިގެން ކުޅ1ުނު ދެ ސެޓު 15-25، 8-25 އިން ގެންގޮސް މޯލްޑިވިއަނުން ނަތީޖާ ހަމަހަމަކުރި އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުން ސިފައިން މޮޅުވެފައި ވަނީ 15-13 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ މުރާދު ޖީހާން އެވެ.
އެ މެޗުގެ އިތުރުން ވެސް ފިރިހެން ޑިވިޝަންގެ ދެ މެޗެއް އިއްޔެ ކުޅުނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބު ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ޕޮލިހުން ސެޓުތައް ގެންގޮސްފައި ވަނީ 27-25، 25-18 އަދި 25-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން އެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ސިފައިންނާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވެފައި ވަނީ 3-2 ސެޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިއްޔެ ގުޑީސް ސްޕޯޓްސް ކްލަބު އަތުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ވަނީ މޮޅުވެފައެވެ. އެ މެޗުން ސްޓެލްކޯ މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސްޓެލްކޯ އިން މެޗުގެ ސެޓަތައް ގެންގޮސްފައި ވަނީ 25-9، 25-15 އަދި 25-8 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސްޓެލްކޯގެ ހަސަން ނިލާމް އެވެ.
އެ މުބާރާތުގައި މިއަދު ވެސް ކުރިއަށްދާނީ ފިރިހެން ޑިވިޝަންގެ ތިން މެޗެވެ. މިއަދު ކުޅޭ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ގުޑީސް ނުކުންނަ އިރު، ސްޓެލްކޯ ނުކުންނަން ޖެހޭނީ ސިފައިންނާ ދެކޮޅަށެވެ. އަދި މިއަދުގެ ފަހު މެޗުގައި މޯލްޑިވިއަން ނުކުންނާނީ ސްޕޯޓްސް ކްލަބު ސިޓީއާ ދެކޮޅަށެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަ ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރެ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަަކީ ސްޕޯޓްސް ކްލަބު ސިޓީ، ޕޮލިސް ކްލަބު، ގުޑީސް ސްޕޯޓްސް ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ދިވެހި ސިފައިންގެ ކްލަބު އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ސިފައިންނާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވެފައި ވަނީ 3-2 ސެޓުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލްބު، މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބު، ކްލަބު ޕޯލް ސްޓާ އަދި ފުވައްމުލައް ޔޫތު ސްޕޯޓްސް ޑިވެލޮޕްމަންޓް (އެފްވައިއެސްޑީ) އެވެ.
މި މަހުގެ 18 ވަނަ ދުވަހު ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތަށް ހޮވޭނީ ދެ ޑިވިޝަނުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓިމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ.