06 Nov 2016, 14:39
ރާއްޖެއާއި އިންޑިއާގެ މުމްބާއީ އާ ދެމެދު ބާއްވަން ހަމަޖައްސާފައިވާ ސީދާ ދަތުރުތަކުގެ އުދުހުންތައް ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް މެގަ މޯލްޑިވްސްއިން ބުނެފިއެވެ.
މެގަ މޯލްޑިވްސްގެ ތަރުޖަމާން ވިދާޅުވީ މުމްބާއީ ދަތުރުތައް ޑިސެމްބަރު މަހުގެ ކުރީ ކޮޅުގައި ފައްޓާނެ ކަމަށެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ކަށަވަރު ނުވާ ކަމަށާއި އެދަތުރުތައް ވަރަށް އަވަހަށް ފައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑިސެމްބަރު މަހުގެ ކުރީ ކޮޅުގައި އަޅުގަނޑުމެން މުމްބާއީ ދަތުރުތައް ފަށާނަން. ފަށާ ތާރީޚު އަދި ފަހުން އެނައުންސް ކޮށްލާނަން. ގައިމުވެސް މިއަހަރު ނިމުމުގެ ކުރިން މި ދަތުރުތައް ފަށާނަން،" އެ އެއާލައިންގެ ތަރުޖަމާން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މުމްބާއީއަށް ދަތުރު ކުރުމުގެ ހުއްދަ އެ އެއާލައިނަށް އިންޑިއާ އިން މިހާރު ދީފައިވާ ކަމަށެވެ.
އަންނަ މަހުގެ ތެރޭގައި މުމްބާއީ ދަތުރުތައް ފަށަން ހަމަޖައްސާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް، ދެކޮޅު ޓިކެޓު 389 ޑޮލަރުގެ ރޭޓުގައި އެ އެއާލައިނުން ދަތުރުކުރަން ފަށާނެ އެވެ.
ދިއްލީ ދަތުރުތައް، އިންޑިއާއިން މާލެއަށް އަދި މާލެއިން އިންޑިއާއަށް ހަފްތާއަކު ތިން ދުވަހު އޮންނަ އިރު މި ދަތުރުތަކަށް ބޭނުން ކުރަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ 800-737 މަރުކާގެ ބޮއޭން ބްރޭންޑުގެ ދެ ބޯޓެވެ.