އިންޑިއާގެ ބެންގަލޫރު އެފްސީ 0-1ގެ ނަތީޖާ އަކުން ބަލިކޮށް އިރާގުގެ އަލް ގައުވާ އަލް ޖަވިއްޔާ (އެއާފޯސް) ޓީމުން އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ސުހައިމް ބިން ހަމަދު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އެއާފޯސް ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ބެންގަލޫރު އެފްސީ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ދެވަނަ ހާފްގެ ފަހު ވިހި މިނެޓާ ހަމައަށް ވެސް ބެންގަލޫރު އެފްސީން ވަނީ އިރާގުގެ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދިޔަ ވަރުގަދަ އެއާފޯސް ޓީމު ހިފަހައްޓައިފައެވެ.

އޭއެފްސީ ކަޕްގެ ފައިނަލްގައި ބެންގަލޫރު އެފްސީ އާއި އެއާފޯސް ޓީމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 70 ވަނަ މިނެޓްގައި އެއާފޯސް ޓީމަށް ކާމިޔާބުކޮށްދިނީ އިރާގުގެ ގައުމީ ޓީމުގެ ފޯވަޑް ހާމިދީ އަހްމަދު އަބްދުﷲ އެވެ. އޭނާ އެގޯލު ކާމިޔާބުކުރީ ބެންގަލޫރު އެފްސީ ޕެނަލްޓީ އޭރިއާ ރޮނގުމަތިން އަމްޖަދު ރަދީ، ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެ ގޯލާ އެކު މެޗުގެ ފަހު ވިހި މިނެޓްގައި ބެންގަލޫރު އެފްސީން ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް އެޓީމުގެ ފޯވާޑުންނަށް ވަނީ އެއާފޯސް ޓީމުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.

އޭއެފްސީ ކަޕްގެ ފައިނަލްގައި ބެންގަލޫރު އެފްސީ އާއި އެއާފޯސް ޓީމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ

އެއާފޯސް ޓީމް އޭއެފްސީ ކަޕް ކާމިޔާބުކުރުމާ އެކު އެޓީމް ވެގެން ގޮސްފައި ވަނީ އެމުބާރާތް ކާމިޔާބުކުރި އިރާގުގެ ފުރަތަމަ ކްލަބަށެވެ. މީގެ ކުރިން އޭއެފްސީ ކަޕްގައި އެންމެ ކާމިޔާބު ޓީމަކީ 2012 އަދި 2014 ވަނަ އަހަރު ފައިނަލްގައި ކުޅެ ބަލިވި އަރްބިލްއެވެ.