13 Jun 2011, 13:01
ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހިޔާލުތަފާތުވުން އަރައިރުމަކަށް ވެއްޖެނަމަ މުޅި ގައުމު ވީދި، އިގްތިސޯދު ހުއްޓި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސިފަ އާންމުވެގެން ހިނގައިދާނެ ކަމަށް ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މަސެގޯއާ މެސަޔާ މުވަންބާ ވިދާޅުވެއްޖެ އެވެ.
އެ ކަމަނާ މިހެން ވިދާޅުވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަ ދެއްކުންތައް އިތުރުކުރަން ކޮމަންވެލްތުން އިސް ނަގައިގެން ބާއްވާ މަސައްކަތު ބައްދަލުވުން މިއަދު ހެދުނު ޓްރޭޑާޒް ހޮޓަލްގައި ފައްޓަވައި ދެއްވުމަށް ދެއްކެވި ވާހަކަފުޅުގަ އެވެ.
މުވަންބާ ވިދާޅުވީ ޑިމޮކްރަސީއެއް ހަރުދަނާވެ ކުރިއަރުވަން އެންމެހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ދެމެދު އޮންނަ ހިޔާލުތަފާތުވުން އަރައިރުމަކަށް ވާކަށްނުޖެހޭ. އެހެންވެއްޖެނަމަ މުޅި ގައުމު ބައިބަޔަށް ވީދިގެން ދާނެ. އޭރުން ގައުމުގެ އިގްތިސޯދު ހުއްޓި ރުޅިވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ނޭދެވޭ ސިފަތަށް އާންމުވެގެންދާނެ،" މުވަންބާ ވިދާޅުވި އެވެ.
ޒިންމާދާރު ސިޔާސީ ހަރަކާތް ހިންގުމާއި އަދި ޒިންމާދާރު އިދިކޮޅު ފަރާތަކުގެ ދައުރާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތުތައް މިއަދު ފެށި ވޯކްޝޮޕްގައި ދެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާގެ ވާހަކަފުޅުގައި ދެއްވެވި އެވެ.
ވޯކްޝޮޕްގެ އިފުތިތާހީ ޖަލްސާގައި މުވަންބާއާއެކު ވާހަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެ ގިރާ ކުރަން ހުރި ހުރަސްތައް ގިނަ ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ރައްޔިތުން މަޖިލީހުގެ ވަރަށް މުހިންމު ދައުރެއް ވެސް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން، ރައްޔިތުން މަޖިލީހުން ހަދާ ގާނޫނު ތަކުގެ މައްޗަށް އަޅުގަނޑުމެންގެ ތުއްތު ކުދިންނާއި އަންހެނުންނާއި އިގުތިސޯދުގެ އުފާފާގަތިކަން ބިނާވެފައި އޮތީ. އެއީ ކުރިމަގު. މިއަދު އަޅުގަނޑުމެން ކަންކުރާ ގޮތަކަށް މުސްތަގުބަލް ބިނާވެފައި އޮތީ. ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ވާހަކަދެއްކުން ކުރިއަށް ނެރުމަށް އަޅުގަނޑު ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
މިމަހުގެ 15 އާ ހަމައަށް ޓްރޭޑާސް ހޮޓެލްގައި ކުރިޔަށް ގެންދާ ވޯކް ޝޮޕްގައި ޑީއާރްޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަނަވަނީ ޑރ. އަބްދުﷲ މައުސޫމެވެ. ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހިމް މުއްތޮލިބެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރީކޯ މޫސާ މަނިކާއި ހާމިދު އަބްދުލް ގަފޫރު ތަމްސީލު ކުރައްވަނީ އެމްޑީޕީ އެވެ. މަދަނީ ޖަމްއިއްޔާތަކުގެ ގޮތުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ބައިވެރިވެ އެވެ.