ދިރާސާ ކުރުމަށާއި ފޮތްތައް ޝާއިރު ކުރުމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިއައިޔޫއެމް)ގައި ހާއްސަ ޔުނިޓެއް ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)އާ އެކު އެއްބަސްވެ، އެމްއޯއޭ އެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައި ވަނީ އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައިއައިޔޫއެމްގެ 32 ވަނަ ކޮންވޮކޭޝަންގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް އެ ޔުނިވާސިޓީގެ ފަރާތުން އެރުވި ދައުވަތެއްގައި މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރު ޒަލީހާ ކަމާރުއްދީނެވެ.

އައިއައިޔޫއެމްގެ އިސްނެގުމަކަށް އައިޔޫއެމް އިން ސޮއިކުރި އެމްއޯއޭގައި ޖުމްލަ ނުވަ ކަމަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެ އެވެ.

އެގޮތުން، ދިރާސާ ކުރުމަށާއި ފޮތްތައް ޝާއިރު ކުރުމަށް ހާއްސަ ޔުނިޓެއް އައިޔޫއެމްގައި ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ފަރާތް ގުޅިގެން ހަލާލް ކާނާ އާއި ހަލާލް ޕްފޮޑަކްޓްސްއާ ގުޅޭ ދިރާސާކުރުމަށާއި އެ ހޯދުންތަކުގެ އަލީގައި ހަލާލް ކާނާ އަދި ހަލާލް ޕްރޮޑަކްޓްސްއާ ގުޅޭ ވޯކްޝޮޕްތަކާ ޓްރެއިން ޕްރޮގްރާމްތައް ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދިއުންމަށް އެއްބަސްވެފައިވެ އެވެ.

އަދި ހަލާލް ކާބޯތަކެއްޗާއި ހަލާލް ތަކެތި ކަށަވަރުކުރުމުގެ އިޖުރާތާ ގަވާއިދުތަކާ ބެހޭ ގޮތުން އައިއައިޔޫއެމްގެ ފަރާތުން ލަފާ ހޯދުމަށް ވެސް އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި އައިޔޫއެމްގެ ދަރިވަރުންނާއި މުވައްޒަފުންގެ ކުރިއެރުމަށް ވެސް ކަންތައްތަކަކަށް އެއްބަސްވެފައިވެ އެވެ.

އެގޮތުން، އައިޔޫއެމްގެ ޕޯސްޓްގުރެޖުއޭޓް ޕްރޮގްރާމްސްތައް ސުޕަވައިޒް ކުރުމަށްޓަކާ ސުޕަވައިޒަރުން ހޯދުމަށް އައިއައިޔޫއެމްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި މަތީ ތައުލީމް ހާސިލްކުރުމަށް އައިއައިޔޫއެމް އަށްދާ އައިޔޫއެމްގެ ދަރިވަރުންނާ މުވައްޒަފުންނަށް ޑިސްކައުންޓް ދިނުން ހިމެނެ އެވެ.

މީގެ އިތުރުން، ދެފަރާތް ގުޅިގެން ކޮންފަރެންސްތަކާއި ސެމިނާ އަދި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށާއި އިލްމީ މެގަޒިން ނެރުމުގައި އައިޔޫއެމްގެ މުވައްޒަފުންނަށް އިރުޝާދު ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ޑރ. ޝަހީމް، ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވި، އައިއައިޔޫއެމްގެ ދައުވަތަކަށް މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ ދަތުރުފުޅުގައި އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް އިން ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމާ ގުޅޭ ގޮތުން ތަގުރީރު ކުރައްވާފަ އެވެ.