06 Nov 2016, 12:04
"ފިޔަވަތި"ގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ފަސް މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބެން އަދި ތިން މަސް ވަރުނަގާފާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހު 17 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ކުއްޖާގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިންޑިއާ އިން ހެދި އެކުއްޖާ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް ލިބިގެން ތަހުގީގްތައް ކުރަމުން އަންނަ ކަމަށާއި އަސްލު ރިޕޯޓް ލިބެން އަދި ދުވަސް ނަގާނެ ކަމަށެވެ.
"އިނީޝިއަލް ރިޕޯޓް ލިބިފައި ވަނީ، އެކަން އިތުރަށް ބަލަމުން ދަނީ، އޭގެ ފައިނަލް ރިޕޯޓް ލިބެން ތިން މަސް ވަރު ވެސް ނަގާފާނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާއިރު ފިޔަވަޅެއް ވެސް ނާޅަ އެވެ.
މިހާތަނަށް ބެލިބެލުމުން އެމަރުގައި އިހުމާލެއްވޭތޯ އަދި ނުވޭތޯއެއްވެސް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
އެ ފަސް މަހުގެ ކުއްޖާ ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ހުށައެޅުމުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ މަރުވެފަ އެވެ.
ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު ވަނީ ވަޅުލައިފަ އެވެ.