06 Nov 2016, 11:51
މިމަހުގެ އަށް ވަނަ ދުވަހު އެމެރިކާގައި ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް، ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން ޖަލްސާއެއްގެ ތެރޭގައި ބަޑިއެއް ގެންގުޅުނު ކަމަށްބުނެ މީހަކު ބަލައިފާސްކޮށްފިއެވެ.
ނެވާޑާގެ ރީނޯގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނިކޮށް ޓްރަމްޕަށް އޯޑިއަންސްގެ ތެރެއިން އެއްޗެއް ފެނިވަޑައިގެން ދައްކަވަން ހުރި ވާހަކަ މެދުކަނޑާލެއްވި އެވެ. އޭގެ ސިކުންތު ކޮޅަކަށްފަހު، އެމެރިކާގެ ސީކްރެޓް ސާވިސްގެ ތިން އޭޖެންޓުން ސްޓޭޖް މައްޗަށް އައިސް ޓްރަމްޕް ގޮވައިގެން ބެކް ސްޓޭޖަށް ގޮސްފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.
ބެކް ސްޓޭޖުގައި މާ ގިނަ އިރުތަކެއް ނުވެ، ޓްރަމްޕް ވަނީ އެނބުރި ސްޓޭޖަށް ވަޑައިގެން ސްޕީޗް ދެއްވުމާއިގެން ކުރިއަށް ގޮސްފައެވެ. ސްޓޭޖަށް ވަޑައިގެން ޓްރަމްޕް ވިދާޅުވީ އޭނާ ފަދަ ބޭފުޅުންނަށް، ނުވަތަ ރިޔާސީ ކެންޑިޑޭޓުންނަށް ކަންކަން ފަސޭހަ ނުވާނެ ކަމަށާއި ސީކްރެޓް ސާވިސް އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީކްރެޓް ސާވިސް އިން ޓްރަމްޕް ބެކް ސްޓޭޖަށް ގެންގޮސްފައިވަނީ އެ ޖަލްސާގައި ތިބި މީހުންގެ ތެރެއިން މީހެއްގެ އަތުގައި ބަޑިއެއް އެބަ އޮތް ކަމަށް ބުނެ ހޯލް ތެރޭގައި މީހަކު ހަޅޭލެވުމާ ގުޅިގެންނެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާއާއި އެމީހާގެ ވަށައިގެން ހުރި ތަންތަން ބަލައިފާސް ކުރުމުންވެސް އެއްވެސް ކަހަލަ ހަތިޔާރެއް ފެނިފައި ނުވާ ކަމަށް ވެއެވެ.
ބަޑިއެއް ގެންގުޅުނުކަމަށް ބުނެ ބަލައި ފާސްކޮށްފައިވަނީ އޮސްޓިން ކްރައިޓްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނެފައިވަނީ، އޭނާ ބަލައި ފާސްކޮށްފައިވަނީ އެއްވެސް ކަމަކާ ނުލައި ކަމަށާއި، އޭނާ އޭރު ގެންގުޅުނީ ޓްރަމްޕް އާ ދެކޮޅު ލިޔުމެއް ލިޔެފައިވާ ބޯޑެއް ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު މިވަނީ ވަރަށް ކައިރިވެފައެވެ. އެ އިންތިހާބުގެ ރޭހުގައި ފަސް ބޭފުޅުން ވާދަ ކުރައްވާއިރު، އެންމެ ވާދަވެރިކޮށް އުޅުއްވަނީ ހިލަރީ ކްލިންޓަނާއި ޑޮލާންޑް ޓްރަމްޕެވެ.