ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ސަން އަށް ވިދާޅުވީ، މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މާދަމައިން ފެށިގެން މިމަހުގެ 21 ވަނަ ދުވަަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

ކުރިން އެ ކޮމިޝަނުން ހަމަޖައްސާފައި އޮތީ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ދިނުމަށެވެ.

ޝަކީލް ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުން އެގޮތަށް އެ ކޮމިޝަންގެ އެދެމުން އަންނާތީ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބެލުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާ ބޭފުޅުންނަށެވެ. ޕީޕީއެމް އިން މިފަހަރު ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ އެމްޑީއޭ އާއެކު ހަދާފައިވާ ކޯލިޝަންގެ ތެރެއިންނެވެ.

މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ނިންމާފައި ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށެވެ. އެމްޑީޕީން މިހާރު ވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ވެސް ބާއްވައިފައެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، VR(Space)ID ޖެހުމަށް ފަހު 1414އަށް އެސްއެމްއެސް ކުރުމުން އެމީހަކު ވޯޓުލުމަށް މިހާރު ރެޖިސްޓްރީވެފައިވާ ތަން ބަލައިލެވޭނޭ ކަމަށެވެ.