އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ސަން އަށް ވިދާޅުވީ، އެގޮތަށް ނިންމީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރީ ސިޔާސީ ޕާޓީތަކުން އެގޮތަށް އެދެމުން އަންނާތީ ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތެއްގެ ގޮތުގައި މީގެކުރިން އެ ކޮމިޝަނުން ހަމަޖެއްސީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ރަސްމީ ދުވަސްތަކުގައި ބަލައިގަންނާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ބަންދު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ފޯމްތައް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު ފޯމުތައް ބަލައިގަންނާނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިފަހަރުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބެލުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާ ބޭފުޅުންނަށެވެ. ޕީޕީއެމް އިން މިފަހަރު ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ އެމްޑީއޭ އާއެކު ހަދާފައިވާ ކޯލިޝަންގެ ތެރެއިންނެވެ.

މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ނިންމާފައި ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށެވެ. އެމްޑީޕީން މިހާރު ވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ވެސް ބާއްވައިފައެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ.