ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ތައުލީމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް ޒިޔާރަތްކޮށް ނިންމުން ފާހަގަ ކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ސްކޫލުތަކަށް ކުރި ދަތުރުގައި ހުރިހާ ސްކޫލަކުންވެސް އަދި ބެލެނިވެރިންގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި އެކަމުން އެނގިގެން ދިޔައީ ރާއްޖޭގެ ރައްޔިތުންނަކީ ތައުލީމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކޮށް ނިންމުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިނިސްޓަރު ވިދާޅުވީ ތިން އަހަރު ދުވަހުތެރޭގައި ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުތަކުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ގޮތުން މިނިސްޓްރީން ރާވާ ސިޔާސަތުތައް ސްކޫލުތަކުގައި ތަންފީޒުވެގެން ދާގޮތް ބަލައި، އެކި ރަށްރަށުގެ ސްކޫލުތައް އެ ރަށާއި، ކިޔަވާ ކުދިންގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމަށް އެ ދަތުރުތަކުގެ ސަބަބުން މަގުފަހިވެގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ކުރެއްވި ދަތުރުފުޅުތަކުގައި ސްކޫލުތަކުގެ އިސްވެރިންނާއި ޓީޗަރުންގެ އިތުރުން ކިޔަވާ ކުދިންނާއި ބެލެނިވެރިންނާއިވެސް ބައްދަލުކުރައްވާފައިވެ އެވެ.