06 Nov 2016, 10:30
ފޮތާއި ފަންނުވެރިކަމަކީ ކޮންމެ ގައުމެއްގެ ސަގާފަތުގައި މުހިންމު ކަންތައްތަކެކެވެ. ޚާއްސަކޮށް ޔޫރަޕުގެ ބައެއް ގައުމުތަކުގައި ސަގާފަތާއި ފަންނުވެރިކަމަކީ މުޅި ދުނިޔެއަށް މަޝްހޫރުވެގެންވާ ކަންކަމެވެ.
ގައުމެއްގެ ސަގާފަތް އެންމެ ބޮޑަށް ދިރުވައި އާލާ ކުރެވޭނީ އެގައުމެއްގެ ޒުވާން ޖީލަށް ކަމުން، އިޓަލީ ވިލާތުގެ ސަރުކާރުން ނިންމީ "ސަގާފީ ބޯނަސް"އެއްގެ ގޮތުގައި، 18 އަހަރު ފުރޭ ކޮންމެ އިޓަލީ ރައްޔިތަކަށް 500 ޔޫރޯގެ އެލަވަންސެއް ދިނުމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިޓަލީ ވިލާތުގައި 18 އަހަރު ފުރޭ ކޮންމެ ޒުވާނަކަށް 500 ޔޫރޯ (557 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 8،600 ރުފިޔާ) ދެމުން ގެންދެ އެވެ.
އެ ފައިސާއަކީ، ފަންނީ ކަންކަމުގައި ބޭނުންކުރުމަށް ދޭ އެލަވަންސެކެވެ. ފޮތް ގަތުމަށާއި، ދާރުލްއާސާރަށް ޒިޔާރަތް ކުރުމަށާއި، ސިނަމާތަކާއި ތިއޭޓަރުތަކަށް ދިއުމަށާއި، މައުރަޒުތަކަށް ޒިޔާރަތް ކުރުމަށް ބޭނުންވާ ޓިކެޓު ގަތުމަށް ހޭދަ ކުރުމަށެވެ.
އިޓަލީ ވިލާތުގެ ޕާލަމެންޓުގެ އަންޑަސެކްރެޓަރީ ތޮމްމަސޯ ނަންނިޗިނީ ވިދާޅުވި ގޮތުގައި، މިއީ ގިނަ އަދަދެއްގެ ފައިސާ ކަމުގައި ވިޔަސް، އެކަމަކީ ޒުވާނުންނަށްޓަކައި ދައުލަތުން ކޮށްދޭ ވަރާށް މުހިންމު ކަމެކެވެ.
"މިކަމުން ޒުވާނުންނަށް ހަނދާން ކޮށްދޭނީ، މި މުޖުތަމަޢަކީ ކުދިން ޒުވާން އުމުރުފުރައަށް އަޅައިގެން އަންނަ އިރު އެކުދިންނަށް މަރުހަބާ ކިޔާ މުޖުތަމަޢެއްކަން. އަދި އަމިއްލަ ނަފްސުގެ ތަރައްގީއަށާއި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަަކައި ސަގާފަތާއި ފަންނުވެރިކަމުގެ މުހިންމުކަން،"
އަށާރަ އަހަރު ފުރޭ ކުދިންނަށް މި ފައިސާ ލިބޭނީ އޮންލައިން އެޕެއް މެދުވެރިކޮށް، ވައުޗާތަކެއް ޑައުންލޯޑު ކޮށްގެންނެވެ. މި ވައުޗާތަކީ ފިހާރަތަކާޢި އޮންލައިން ފިހާރަތަކުގައި ވެސް ބޭނުންކުރެވޭނެ ތަކެއްޗެވެ.
އިޓަލީ ސަރުކާރުން ދަނީ އަންނަ އަހަރު، މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ވެސް މިފަދަ އިނާޔަތެއް ދިނުމަށް މަޝްވަރާ ކުރަމުންނެވެ.