ބޮލީވުޑްގެ ކާމިޔާބު ޖޯޑު ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާން މިހާރު އަންނަނީ ދެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު ނަމަވެސް ދެމީހުން އެކުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ވެދާނެ އެވެ.

ދެމީހުން އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، އެއީ އެންމެންގެ ރުހުމާ އެކު ކުރިއަށް ދިޔަ ގުޅުމެއް ނޫން ކަމަށް ކަރީނާ މިވަނީ ބުނެފައެވެ.

ކައިވެންޏާއި ދަރިފުޅާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކަރީނާ ބުނީ، ސައިފް އާއި ލޯބީގެ ގޮތުން ގުޅުމުން، އެ ގުޅުން ކުރިއަށް ނުގެންދިއުމަށް ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ.

"އަދި ސައިފް އާއި ކައިވެނި ކުރަން ނިންމުމުން އެކަން ނުކުރުމަށް ވެސް އެދުނު. އެކަމަކު އަހަރެންގެ ނިންމުން ބަދަލެއް ނުކުރަން،" ކަރީނާ ބުންޏެވެ.

ކަރީނާ ބުނީ މިހާރު އޭނާ މަންމައަކަށް ވާން ތައްޔާރުވެފައި ވާއިރު، ބައެއް މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެއީ އޭނާ ސަމާލުކަން ދޭނެ ކަމެއް ނޫން ކަމަށާއި، މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ ހެން އަމިއްލަ ދިރިއުޅުމާއި ކެރިއަރު ބެލެންސް ކުރަން އެނގޭނެ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ ބުނީ ވިހެއުމަށް ފަހު ވެސް ފިލްމީ ދާއިރާގައި އޭނާ ކުރަމުން އަންނަ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.