ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް 4" ގެ ލީޑު ރޯލުން ފެނިގެންދާނެ އަންހެން ފަންނާނެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެކި ފަހަރު އެކި ފަންނާނުންނާ އެ ރޯލު ގުޅުވިގެން ދާއިރު، ފިލްމު އުފައްދާ ފަރާތުން އަދިވެސް އެ ރޯލަށް މީހަކު ހަމަޖައްސާފައި ވާކަން ކަށަވަރު ކޮށްދީފަ އެއް ނުވެ އެވެ.

މީގެ ކުރިން ޚަބަރުތައް ބުނެފައިވާ ގޮތުން އެ ފިލްމުން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާލިއާ ބަޓް ނުވަތަ ޝްރައްދާ ކަޕޫރު އެވެ. ނަމަވެސް މިހާރު ޚަބަރުތައް ބުނާ ގޮތުން ތިން ފަންނާނުން ވެސް ވަނީ ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ބުނެފައެވެ.

އެއާއެކު ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ނަޒަރު، އަރަމުން އަންނަ ބަތަލާ ޕަރިނީތީ ޗޯޕްޅާއަށް އަމާޒުވެފައިވާ ކަމަށް ޚަބަރުތައް މިވަނީ ބުނަން ފަށައިފައެވެ.

ޚަބަރުތައް ބުނާ ގޮތުން، ރޯހިތު ޝެޓީ މިހާރު އަންނަނީ ޕަރިނީތީ އާއެކު ވާހަކަތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް އެއްވެސް ކަމެއް އަދި ޔަގީން ވެފައެއް ނުވެ އެވެ.

ކޮމެޑީ ސީރީޒް ގޯލްމާލްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ. އެހެން ފިލްމުތަކާއި އެއްގޮތަށް ކުރިއަށް އޮތް ފިލްމުގެ ވެސް ފިރިހެން ލީޑުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ.

"ގޯލްމާލް 4"ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.