06 Nov 2016, 08:37
މީގެ 12 އަހަރު ކުރިން، 2005 ވަނަ އަހަރު އަވަށްޓެރިއަކަށް ހަމަލާދިން މައްސަލައެއްގައި ބޮލީވުޑް އެކްޓަރު އަދިއްތުޔަ ޕަންޗޯލީގެ މައްޗަށް އުފުލި ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ސާބިތުވެ އޭނާ އެއް އަހަރަށް ޖަލަށް ލުމަށް މުމްބާއީގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.
އަދިއްތުޔަ ޕަންޗޯލީގެ މައްޗަށް މާރާމާރީ އާއި ބިރުދެއްކުމުގެ ދައުވާ އުފުލީ 2005 ވަނަ އަހަރު އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހިންގި މާރާމާރީއެއްގައި އަވަށްޓެރިއަކަށް ހަމަލާދީ އޭނާގެ ނޭފަތުގެ ކަށިގަނޑު ބިންދައިލި މައްސަލައަކާއި ގުޅިގެންނެވެ.
އެ މައްސަލަ ބެލުމަށް ފަހު މައްސަލަ ބެއްލެވި ފަނޑިޔާރު އިއްޔެ އިއްވެވި ހުކުމްގައި ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށާއި، ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް ކަފާލާތުގެ ދަށުން އަދިއްތުޔަ ޕަންޗޯލީ މިހާރު ހުރީ ދޫކޮށްލައިފައެވެ.
ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، އަދިއްތުޔަ ހަމަލާ ދީފައި ވަނީ ޕްރަތިކް ޕަސްރާނީ ކިޔާ މީހަކަށެވެ. ދެމީހުންގެ ދެމެދު މައްސަލަ ޖެހުނީ އަދިއްތުޔަގެ ގެއަށް އައި މެހެމާނަކު، ޕްރަތިކްގެ ޕާކިން އޭރިއާގައި އޭނާގެ ކާރު ޕާކު ކުރުމާ ގުޅިގެންނެވެ.
އެކަމާ ނުރުހުންވެ ޕްރަތިކް ވަނީ ކާރު އެތަނުން ނެގުމަށް ސެކިއުރިޓީ އަށް އަންގައިފައެވެ. ދެމީހުންގެ ދޭތެރޭގައި ދެބަސްވުން އުފެދުނީ އެހިސާބުންނެވެ. އަދި އަދިއްތުޔަ ވަނީ ދެބަސްވުމުގެ ތެރެއިން ޕްރަތިކް އަށް ހަމަލާ ދީފައެވެ.
ފުލުހުން ފުރަތަމަ އެ މައްސަލަ ފައިލް ކުރީ ދައުވާ ނުކުރެވޭ މައްސަލަ އެއްގެ ގޮތުގައެވެ. ނަމަވެސް ޕްރަތިކްގެ މެޑިކަލް ރިޕޯޓުތަކުން ދެއްކި ގޮތުން އޭނާގެ ނޭފަތުގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އެހެންކަމުން ފަހުން އެއީ ދައުވާ ކުރެވޭ މައްސަލައެއްގެ ގޮތުގައި ފައިލް ކުރީ އެވެ.