06 Nov 2016, 08:45
ދުނިޔޭގެ ވައި ތަގައްޔަރުވުމުގެ ސަބަބުން އަހަރަކު ހަ ލައްކަ ކުދިން މަރުވާ ކަމަށް ކުޑަކުދިންނާއި މައިންގެ ސިއްހަތު ރައްކާތެރިކުރުމަށް އދ. އިން ޒިންމާ މަތިކޮށްފައިވާ ޔުނައިޑެޓް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.
ޔުނިސެފުން ތައްޔާރުކުރި ރިޕޯޓަކާ ގުޅިގެން އެ އެޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރު އެންތަނީ ލޭކް ވިދާޅުވި ގޮތުގައި، ގޭތެރެއާ ގެއިން ބޭރުގެ ވައި ނުސާފުވެ ތަގައްޔަރުވުމުން ޖެހޭ ބަލިތަކުގައި ނުވަތަ ޖެހިފައިވާ ބައްޔެއް އިތުރަށް ގޯސްވުމުގެ ސަބަބުން އަހަރަކު އުމުރުން ފަސް އަހަރުގެ ދަށުގެ ގާތްގަނޑަކަށް 600،000 ކުދިން މަރުވާ ކަމަށެވެ.
މަރުވާ ކުދިންގެ އަދަދު ފަގީރު ގައުމުތަކުގައި އިތުރު ކަމަށް ޔުނިސެފުން ބުނާއިރު، އެ އަދަދަކީ މެލޭރިއާ އަދި އެޗްއައިވީ އެއިޑްސް ޖެހިގެން ދުނިޔޭގައި އަހަރަކު ކުދިން މަރުވާ އަދަދަށްވުރެ ވެސް ބޮޑު އަދަދެކެވެ.
އެންތަނީ ވިދާޅުވީ، ވައި ތަގައްޔަރުވުމުގެ ސަބަބުން އެތައް ކުދިންނެއް މަރުވާއިރު، ވައި ތަގައްޔަރުވުމުގެ އަސަރު ބަނޑުގައިވާ ދަރިފުޅަށްވެސް ކުރާ ކަމަށެވެ.
"ވައި ތަގައްޔަރުކުރާ މާއްދާތަކުގެ ސަބަބުން ހަމައެކަނި ގެއްލުންދެނީ ހެދިބޮޑުވަމުން އަންނަ ކުއްޖާގެ ފުއްޕާމެއަކަށް ނޫން. އެ މާއްދާތަކުގެ އަސަރު ސިކުނޑީގެ ލޭ ނާރުތަކަށް ކޮށް ހެދިބޮޑުވަމުން އަންނަ ސިކުނޑިއަކަށް ދާއިމީ ގެއްލުމެއް ނުވަތަ ކުއްޖާގެ މުސްތަގްބަލަށް ގެއްލުންތަކެއް ކުރުވަފާނެ،" ޔުނިސެފުގެ އެގްޒެކެޓިވް ޑިރެކްޓަރު ވިދާޅުވި އެވެ.
ޔުނިސެފުން އާއްމުކުރި އެ ރިޕޯޓަކީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މޮރޮކޯގައި ބާއްވާ އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް ނުވަތަ ކޮޕް22ގެ 22 ވަނަ ބައްދަލުވުމަށް ހުށަހަޅަން ނިންމާފައިވާ ރިޕޯޓެކެވެ.
ދުނިޔޭގެ ވައި ތަގައްޔަރުވުމުގެ މައްސަލަ ދިމާތައް ބެލުމަށް ސެޓަލައިޓް ފޮޓޯތައް ބޭނުންކޮށްގެން ހަދާފައިވާ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ގާތްގަނޑަކަށް ދެ ބިލިއަން ކުދިން ދިރިއުޅެމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ވައިގެ ކޮލިޓީ ހުންނަންޖެހޭ މިންގަނޑަށްވުރެ މަތީގައި ހުންނަ ހިސާބުތަކުގައެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކުދިން ދިރިއުޅެމުން އަންނަނީ ދަށް އަދި މެދު މިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރޭގައެވެ. އަދި އެފަދަ ކުދިން އެންމެ ގިނައީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގައެވެ.
އެގޮތުން ދެކުނު އޭޝިއާއިން އެކަނިވެސް 620 މިލިއަން ކުދިން ވައި ތަގައްޔަރުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާއިރު، 520 މިލިއަން ކުދިން ދިރިއުޅެމުންދަނީ އެފްރިކާގައެވެ.