އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު އެވަޓަން ބަލިކޮށް، ޗެލްސީ ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެވަޓަންގެ މައްޗަށް ޗެލްސީ ކުރި ހޯދާފައި ވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 19 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ޗެލްސީން ވަނީ ލީޑު ހޯދައިފަ އެވެ. ޑިއޭގޯ ކޮސްޓާ ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ. އެވަޓަންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަޒާޑް އުފެއްދި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ތިރީ ކަނަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 5-0 ލަނޑުން --- ފޮޓޯ/ އޭޕީ

އޭގެ މިނެޓެއް ފަހުން ޗެލްސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒް ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމުގެ ޑިފެންޑަރު މާކޮސް އަލޮންސޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ކޯނަރެއްގެ ތެރެއިން ނަމެންޔާ މަޓިޗް ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ހަޒާޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ޕެޑްރޯ ދިން ބޯޅައަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 5-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީގެ ފަސް ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ހަޒާޑް އުފެއްދި ހަމަލާއެއް އެވަޓަންގެ ކީޕަރު މާޓިން ސްކެޓެލެންބާގް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި މިޑްލްސްބަރާއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ މެޗު 1-1 ލަނޑުން އެއްވަރުވުމާއެކު ޗެލްސީ މޮޅުވުމުން ސިޓީ ވަނީ ތާވަލުގެ ދެ ވަނައަށް ވެއްޓިފަ އެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ލީޑު އެ ޓީމުން ހޯދާފައި ވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި މިޑްލްސްބަރާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މިޑްލްސްބަރާ އިން ނަތީޖާ ހަމަހަަމަކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޖޯޖް ފްރެންޑް ނަގައިދިން ނުރައްކާތެރި ހުރަހަކުން މިޑްލްސްބަރާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޑި ރޫން އެވެ.

ޕްރިމިއާ ލީގުގެ ތާވަލަށް ބަލައިލާ އިރު، އެއް ވަނާގައި އޮތް ޗެލްސީ އަށް ކުޅުނު 11 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. ދެ ވަނައަށް ވެއްޓުނު ސިޓީ އަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އާސެނަލާއި ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. އާސެނަލާއި ލިވަޕޫލް މިހާތަނަށް ކުޅެފައި ވަނީ ދިހަ މެޗެވެ.

މިއަދު ކުޅޭ މެޗުތަކުން މޮޅުވެ، އާސެނަލާއި ލިވަޕޫލަށް ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް އާސެނަލް ނުކުންނަ އިރު، އަމިއްލަ ދަނޑުގައި ލިވަޕޫލް ނުކުންނާނީ ވެޓްފަޑްއާ ދެކޮޅަށެވެ.