ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ހަދާފައިވާ ޖާޒީގައި ޖަރުމަނުގެ ބަޔާން މިއުނިކް ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

މަޝްހޫރު ބޫޓު ކުންފުނި "އެޑިޑާސް"އިން ތައްޔާރުކުރި އެ ޖާޒީގައި މިރޭ ހޮފެންހޭމްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ޖަރުމަން ބުންޑަސްލީގާ މެޗުން ބަޔާން އެއްވަރުވެފައި ވަނީ 1-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނީ ހޮފެންހޭމް އިންނެވެ. ނަދިއެމް އަމީރީ ދިން ބޮޅައަކުން ހޮފެންހޭމް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކަރީމް ޑެމިރްބޭ އެވެ. އޭނާ އުފެއްދި އެ ހަމަލާ އަމާޒުވީ ބަޔާން ގޯލުގެ މަތީ ކަނަށެވެ.

ޖަރުމަން ބުންޑަސްލީގާގައި ބަޔާން އާއި ހޮފެންހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ގިނަ ހަމަލާތަކަކަށްފަހު ބަޔާނަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 34 ވަނަ މިނެޓުގަ އެވެ. އެ ލަނޑަކީ ބަޔާންގެ ނުރައްކާތެރި އެޓޭކެއްގައި ހޮފެންހޭމްގެ ޑިފެންޑަރު ސްޓީވަން ޒޫބާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާނުން ލީޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ބަޔާންގެ ތިއާގޯ އަލްކެންޓަރާ އާއި، ރޮބާޓް ލެވަންޑޮސްކީ އާއި އާރްޔެން ރޮބެން އަދި ޑުގްލަސް ކޮސްޓާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސް ބަޔާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބަދަލު ކުޅުންތެރިޔާ ތޯމަސް މުލާ ދިން ބޯޅައަކުން ހޮފެންހޭމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބަޔާންގެ ޑިފެންޑަރު މެޓްސް ހުމުލްސް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޖަރުމަން ބުންޑަސްލީގާގައި ބަޔާން އާއި ހޮފެންހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ މެޗުން ބަޔާން އެއްވަރުވި ނަމަވެސް، އަދިވެސް ބުންޑަސްލީގާގެ އެއް ވަނައިގައި އޮތީ ބަޔާނެވެ. އެ ޓީމަށް ދިހަ މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް އާރްބީ ލެއިޕްޒިގް އަށް ނުވަ މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ހޮފެންހޭމް އަށް ދިހަ މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. ބަޔާނާއި ލޭޕްޒިގް އަދި ހޮފެންހޭމް ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެ އެވެ.

އެޑިޑޭސް އިން ތައްޔާރުކުރި ޖާޒީގައި ސްޕެއިންގެ ރެއާލް މެޑްރިޑް ވެސް މެޗެއް ކުޅޭނެ އެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހު ސްޕެނިޝް ލަލީގާގައި ސްޕޯޓިންގް ގިޖޮންއާ ދެކޮޅަށް ރެއާލް ކުޅޭ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ދަނޑުގައެވެ.