އަންނަ ޖެނުއަރީ މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ 80 ޕަސެންޓު ގޮނޑި ޕީޕީއެމާއި ޕީޕީއެމް ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ޕީޕީއެމުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި "ނުފޮރުޅާ އެންމެ ގަލެއްވެސް ނުބާވާނެ" ކަމަށެވެ. އަދި އެ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމުތައް ތި ބޭފުޅުންގެ ރަށްރަށަށް ދަތުރު ކުރާނެ ކެމްޕޭނުގައި. ތި ބޭފުޅުންނަށް އެކި ގޮތް ގޮތުން އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ޕޯސްޓަރު ހެދުމާއި ކެމްޕެއިން މެޓީރިއަލްސް ތައްޔާރުކޮށްދިނުމާއި އަދި އިލެކްޝަންސް ކޮމިޝަނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާއި އޭގެ އިތުރުން ވަކި ވަކި ކެންޑިޑޭޓުންނަށް މާލީ ގޮތުންވެސް އަޅުގަނޑުމެން އެހީތެރިވެދޭނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބުގެ 80 ޕަސެންޓު ގޮނޑިތައް ކާމިޔާބު ކުރަން ބޭނުންވާ ކަމަށާއި، ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރެއްވިފަހުން ޕާޓީގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހެން ކަމުން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެއްޔާ 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް އެ ލިބެނީ ވަރަށް ރަނގަޅު ހިތްވަރެއް. ވަރަށް ރަނގަޅު ފުރުސަތެއް އެލިބެނީ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން އަބްދުއްރަހީމް މިހެން ވިދާޅުވި އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)އިން ވެސް ވަނީ ކައުންސިލްތަކުގެ އިންތިޚާބުގެ 80 ޕަސެންޓު ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ.

މިރޭގެ ހަފްލާގައި ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން ވަނީ އޭނާ ނިސްބަތްވާ ދާއިރާއިން ޕީޕީއެމަށް ސޮއި ކޮށްފައިވާ 100 އަށް ވުރެ ގިނަ މީހުންގެ ފޯމު އެ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމުގައިވާ ޓުރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަބުއްދުއްރަހީމާ ހަވާލު ކުރައްވާފަ އެވެ.