ރާއްޖެ ހަމަމަގަށް އެޅުވުމަށް އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގެއްލުން ދޭން ވިސްނައިގެން މަސައްކަތައް ކޮށްގެން ނުވާނެ ކަމަށާއި، މަސައްކަތް ކުރަންވީ ހަމަޖެހުން ހޯދުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން "97 މިނިވަން" ރޭޑިއޯއަށް ދެއްވި ޚާއްސަ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް، ކުރީގެ ރައީސް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް މައުމޫން ފައްޓަވާފައިވާ މަސައްކަތުގައި އެމަނިކުފާނާ އެކު ސިޔާސީ ހުރިހާ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތައް އަދި ގައުމުގެ ހެވަށް އެދޭ އެންމެން މިވަގުތު ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.

މައުމޫން އެމަސައްކަތް ފަށާފައިވާއިރު، ނަޝީދު ވިދާޅުވީ އެކުގައި މަސައްކަތްކޮށްގެން ދިވެހިރާއްޖެއަށް ވެރިކަމުގެ ހަމަޖެހުން އަވަހަށް ހޯދަން ޖެހޭ ކަމަށާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން އެމަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެކަމުގައި ކާމިޔާބު ހޯއްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެނެއް ރައީސް ޔާމީނަކަށްވެސް ދެރައެއް ދޭކަށް ވިސްނައިގެނެއްނުވާނެ އަޅުގަނޑު ދެކޭ ގޮތުގައި. އަޅުގަނޑުމެން ބަލަންވީ ހަމަޖެހުމެއް ހޯދުމަށް. އިންސާފު އަޅުގަނޑުމެން ރާއްޖޭގެ ގާއިމް ކުރުމަށް،" ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ބައެއް ފަރާތްތަކަށް ނުހައްގުން، އިންސާފުން ބޭރުގައި ޖަލު ހުކުމް އިއްވާފައިވާކަން ފާހަގަކުރައްވަމުން، ނަޝީދު ވިދާޅުވީ ރާއްޖޭގައި ކުރާ ތަހުގީގުތަކާއި ޝަރީއަތްތައް ބާއްވަނީ އިންސާފުވެރިކޮށް ކަމަށް ވިދާޅުވެވޭކަށް ނެތް ކަމަށެވެ. އަދި އިންސާފުން ބޭރުން ޖަލަށް ލާފައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ގައުމުން ބޭރުގައި، އިނގިރޭސިވިލާތުގައި ހުންނަވަން ޖެހިވަޑައިގެންނެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެގައުމުގައި އަބަދަށް ނުހުންނަވާނެ ކަމަށެވެ. ނަމަވެސް ރާއްޖެ އެނބުރިވަޑައިގަންނާވެ ތާރީޚެއް ވިދާޅެއް ނުވެއެވެ.

މިނިވަން ރޭޑިއޯއަށް ދެއްވި މި އިންޓަވިއުގައި ރައީސް މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު މިހުއްމު ކަމަށް ނަޝީދު ވިދާޅުވި އިރު، ރައީސް ޔާމީނަށް ތާއިދުކުރާ ޕީޕީއެމްގެ ފެކްޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ، ސަރުކާރާ އެކު އެނބުރި ވަޑައިގަތުމަށް މައުމޫން އަރިހުގައި އެދިވަޑައިގެންފައެވެ.