13 Jun 2011, 11:52
މާލެއާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އާއްމުވެފައިވާ ހަށިކުއްޔަށްދިނުމުގެ ވިޔަފާރިތައް ހުއްޓުވާ، ސިއްހީ އަދި އިޖްތިމާއީ ބަލިމަޑުކަމެއްގެތެރެއަށް ދިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދިވެހި ގައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
ގައުމީ ޕާޓީގެ ވެބްސައިޓުގައި އިއްޔެ ބުނެފައިވަނީ، މަސާޖްކުރުމާއި، ސިއްހީ ލުއިފަރުވާއާއި އެނޫން ވެސް އެފަދަ ނަންނަމުގައި މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ ވިޔަފާރި ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ މިންވަރަކަށް އާއްމުވެފައިވާ ކަމަށެވެ. އަދި ހަށިކުއްޔަށްދިނުމުގެ ވިޔަފާރިއަކީ އެކަމަށް ހާއްސަކޮށްގެން ރާއްޖެއިން ބޭރުން މީހުން ގެނެސްގެން އެކިތަންތަން ހަދައިގެން ފުޅާދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިއެއްކަމުގައި ދާދިފަހުން، ނޫސްވެރިން މިކަމާ ގުޅޭގޮތުން ހިންގި ހާއްސަ އޮޕަރޭޝަނުން ހާމަވެފައިވާ ކަމަށް ވެސް އެޕާޓީން ބުނެފައިވެ އެވެ.
ހަށިއްވިއްކުމުގެ ހަގީގަތް ހޯދުމަށް ހާއްސަ "އޮޕަރޭޝަން ސަންސެޓް" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގާފައި ވަނީ ސަންގެ ނޫސްވެރިންނެވެ. ) ސަން އާއި ސަންއޮންލައިންގައި މަސައްކަތް ކުރަނީ އެއް ބައެކެވެ.(
ހަށިކުއްޔަށްދިނުމާއި ޖިންސީ ވިޔަފާރިތަކަކީ އޭގެ ސަބަބުން ސިއްސީ އަދި އިޖްތިމާއީ ބަލިމަޑުކަމަކަށް މަގުފަހިކޮށްދޭކަމެއް ކަމަށާއި އެ ބަލިމަޑުކަމެއްގެތެރެއަށް ދިޔަނުދިނުމަށް އަޅަން ޖެހޭ އެންމެހަ ފިޔަވަޅުތައް އެޅުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
"..މާލެއާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އާއްމުވެފައިވާ ހަށިކުއްޔަށްދިނުމުގެ ވިޔަފާރިތައް ހުއްޓުވާ ދިވެހި މުޖުތަމައު ސިއްހީ އަދި އިޖްތިމާއީ ބަލިމަޑުކަމެއްގެތެރެއަށް ދިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދިވެހި ގައުމީ ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ. އަދި މިކަންކަމަކީ މިހާރު ސަރުކާރުން ބައްލަވަމުންގެންދަވާ ކަންކަން ނޫންކަމަށްބުނެ، މިފަދަ ކަންކަމަށް މަގުފަހިވާގޮތަށް ޒިންމާދާރުކަމެއްނެތި ސަރުކާރުން ދައްކާފައިވާ އެންމެހާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ގައުމީ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެޕާޓީން ބުނާ ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަމަށް "ބީރުކަންފަތެއް ދީގެން ތިބޭކަމީ" ސަރުކާރުން އެކަމަށް ތަރުހީބުދޭ އަދި ސަރުކާރުގެ އެހީތެރިކަމާ އެއްބާރުލުންލިބިގެން ކުރެވެމުންދާ ކަމެއްކަމަށް ބުނުމުގެ ފުރުސަތު ހުޅުވިގެންދާކަމެއް ކަމަށެވެ.
މީގެ އިތުރުން، ދާދިފަހުން ލީކުވި ސަރުކާރުގެ އިސް މަގާމްތަކެއްގައި ތިބި ބައެއްގެ ބަރަހަނާވީ ވީޑިއޯތަކުގެ މައްސަލާގައި ސަރުކާރުން ކަންކޮށްފައިވާގޮތުން ހަށިކުއްޔަށް ދިނުމުގެ ވިޔަފާރީގައި މިސަރުކާރުން ބައިވެރިވާކަމަށް ބުނުމަށް މަގުފަހިވެގެންދާ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
"އެވީޑިއޯތަކުންފެނިގެންދިޔައީ ސަރުކާރުގެ އިސްމަގާމްތަކެއްގައި ތިބިބަޔަކު ހަޑިމުޑުދާރު ބަދުއަހުލާގީ އަމަލުތަކެއްގެ ތެރެއަށްވަދެ އެމީހުންގެ ހަމަބުއްދިފިލައިގެން ގޮސްގެން އުޅޭ މަންޒަރެވެ. މިކަމާމެދުވެސް މިސަރުކާރުން ކަންކޮށްފައިވާގޮތުން ދިވެހި މުޖުތަމައުގެ އަހުލާގީ ފޭރާންކުދިކުދިވެގެން ދިޔުމާމެދު މިސަރުކާރުން އެއްވެސް މިންވަރަކަށް ފަރުވާލެއް ނުބަހައްޓާކަން ދޭހަވެއެވެ. އެކަމުގައި ޝާމިލްވާ ފަރާތްތަކުގެތެރެއިން އެއްވެސްފަރާތަކާމެދު ފިޔަވަޅެއް ނޭޅިއިރު އޭގެތެރެއިން ސަރުކާރުގެ އިސްމަގާމްތަކުގައި ތިބިމީހުން އަދިވެސް އެގޮތުގައި ތިބިތިބުމަކީ މިފަދަކަންކަން ކުރާމީހުނަށް މިސަރުކާރުންދޭ އިތުރު ހިއްވަރަކާއި ތަރުހީބަކަށް ނޫނީ ނުވެއެވެ،" ގައުމީ ޕާޓީން ބުނެފައިވެ އެވެ.
އަދި ރައްޔިތުންގެ އަތުން އެކިނަންނަމުގައި ނަގަމުންދާ ޓެކްސްގެ ފައިސާއިން ބޮޑެތިމުސާރަދީފައި ބައިތިއްބަންޖެހެނީ "ދިވެހި މުޖުތަމައުގެ އަހުލާގީ ފޭރާން ހަލާކުކޮށް އަދި އަހުލާގީ ގޮތުން މިފަދަ ދަށްފެންވަރެއްގެ އަމަލުތައް ހިންގާފައިވާ ފަރާތްތައްތޯ" ސުވާލު ކުރުމުގެ ޖާގަ ރައްޔިތުންނަށް އެބަ އޮތް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އަދި އެކަންކަމަކީ ސިއްހީ އަދި އިޖްތިމާއީ ބަލިމަޑުކަމަކަށް މަގުފަހި ކުރާ ކަމެއްގެ އިތުރުން މާތްވެގެންވާ އިސްލާމްދީނުގައިވެސް ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަން ފާހަގަކޮށް އެޕާޓީން ބުނެފައިވަނީ، ސަރުކާރުން އެކަމާމެދު "ލޯމަރާލައިގެން" އޮތުމުން ދޭހަވަނީ ސަރުކާރުން ރާއްޖޭގައި އިސްލާމީ އުސޫލުތަކާ ހަމަތައް ގާއިމްކުރުމަށް އެއްވެސް އިސްކަމެއްނުދޭ ކަން ކަމަށެވެ.
އަދި ޒުވާންޖީލުތައް ރިވެތި އިސްލާމީ އަހުލާގީ މިންގަނޑުގެތެރޭގައި ތަރުބިއްޔަތުކުރުމަށް މަގުފަހި ކުރުމުގެ ބަދަލުގައި، ސަރުކާރުން ޒުވާނުންނަށްޓަކައި ތައްޔާރުކޮށްދޭތަން ފެންނަނީ ލާދީނީ ފިކުރުތަކާ އަމަލުތައް ފެތުރި، ސިއްހީ އަދި އިޖްތިމާއީ ބަލިމަޑުކަން އާންމުވެފައިވާ އެއްވެސް ރައްކާތެރިކަމެއްނެތް މުޖުތަމައެއް ކަމަށް ވެސް އެޕާޓީން ތުހުމަތުކޮށްފައިވެ އެވެ.