08 May 2010, 09:58
14:30
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިމެނޭ ވޯޓާބެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އައުމުން، ޕޯސްޓު މެދުވެރިކޮށާއި މީހުން މެދުވެރިކޮށް ވޯޓުލާން ފަށަން ވަކާލާތު ކުރައްވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލުގައި، ވޯޓުލުމާބެހޭގޮތުން ހިމަނާފައިވާ މާއްދާ އޮތްގޮތުން ގިނަ ރައްޔިތުންތަކެއް ވޯޓުލުމުން މަރުހޫމްވާ ކަމަށް ވިދާޅުވެ ބިލް ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އަލުން މަޖިލީހަށް ފޮނުވާލައްވައިފައެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައި ވަނީ، މި އިންތިހާބުގައި ވޯޓުލެވޭނީ އެމީހަކު ރަޖިސްޓްރީ ވެފައިވާ ރަށެއްގައި ކަމަށް، ބިލުގައި ހިމަނާފައިވަނީ، ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެއީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ، އެހެން ރަށެއްގައި ދިރިއުޅޭ، އިންތިޚާބު އޮތް ރަށުގެ މީހާގެ ޙައްޤު ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅައިގަތީ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަދި ވިދާޅުވެފައިވަނީ، އެންމެ ފުރިހަމަ ގޮތަކީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް، ވޯޓުލުމުގެ ޙައްޤު ބޭނުންކުރެވޭނެ ފުރުސަތު އެމީހަކު ހުރިހިސާބަކަށް ގެންގޮސްދިނުން ކަމަށެވެ.
އަދި އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ގާނޫނުއަސާސީގައި ބުނާއިރު، ކޮންމެ ތަނެއްގައި ހުރެގެން ކަމުގައިވީނަމަވެސް، އެމީހަކަށް އެކަން ކުރެވޭނެ ގޮތްވުން ކަމަށާއި، ނުވަތަ އެ ޙައްޤު ބޭނުންކުރުމުގެ ފުރުޞަތު އޭނާ ހުރިތަނަކަށް ގެންގޮސްދިނުން، އެއީ އޭގެ އެންމެ ފުރިހަމަ ގޮތްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، ދައުލަތެއްގެ ގޮތުގައި، ކުރާ އިންތިޒާމުތަކެއްގެ ތެރެއިން، އެ ޙައްޤު ގެންގޮސްދެވޭނީ ކިހާ ހިސާބަކަށްކަން އެއީ ކޮށްލަން ރަނގަޅު ސުވާލެއް ކަށާއި، އެ ރޮނގު ދަމާލާނީ ކިހާހިސާބަކުން ކަން އެއީ ވެސް އުފެދޭ ސުވާލެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.