މޫސަލްގެ 1600 މީހުން ރަހީނު ކުރުމަށްފަހު ކުޑަކުދިންނަށް އަސްކަރީ ތަމްރީން ދޭން އައިއެސް އިން ފަށައިފި އެވެ.

އދ. އިން މިދިޔަ ހުކުރު ދުވަހު ބުނީ ރަހީނު ކުރި 1600 މީހުންގެ އާއިލާތަކަށް ބިރުދައްކައިގެން އެއާލާތަކުގައި ތިބި ފިރިހެން ކުދިން ހަނގުރާ ކުރުމަށް ތަމްރީން ކުރަން އައިއެސްއިން ފަށާފައިވާ ކަމަށެވެ.

އދ. އިން އެހެން ބުނެފައިވާއިރު އިރާގު އަސްކަރިއްޔާއިން ދަނީ މޫސަލްގައި ވަޒަންވެރިވެ ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އިރާގުގެ ސިފައިން މިހާރު ވަނީ މޫސަލްގައި އޮންނަ ޓިގްރިސް ކޯރާ ހިސާބަށް ގޮސްފައެވެ.

އިރާގު އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ސަމަރު އަލް ހުސޭނީ ވިދާޅުވެފައިވަނީ، 1600 މީހުން ރަހީންކޮށްފައިވާ، ހައްމާމް އަލް އަލީ ޑިސްޓްރިކްޓަށް ވަދެ އެގައުމުގެ ސިފައިން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

މޫސަލްގައި މިހާރުވެސް ދޮޅުލައްކަ އެއްހާމީހުން ތިބި އިރު އެޑިސްޓްރިކްޓު މިނިވަންކުރުމަށް ހަނގުރާމަކުރާ އިރާގު ސިފައިން ވަނީ އެރަށުގެ އަވަށްތަކުގެ ތެރޭން 13 އަވަށެއް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފައެވެ. އަދި އިރާގު ސިފައިންގެ ބައެއް ޔުނިޓްތައް މިހާރުތިބީ މުސަލްގެ އެއާޕޯޓާ އެންމެ ފަސް ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށާއި އެއާޕޯޓް ވަރަށް އަވަހަށް މިނިވަންކުރެވޭނެ ކަމުގެ އުންމީދު އިރާގު ސަރުކާރުން ވަނީ ފާޅުކޮށްފައެވެ.