މިސްރުގައި ބޭނުން ކުރާ އިޖިޕްޝަން ޕައުންޑުގެ އަގު އެމެރިކާ ޑޮލަރާ އަޅާބަލާއިރު 50 ޕަސެންޓް ވެއްޓިއްޖެ އެވެ.

މިސްރުގެ މަރުކަޒީ ބޭންކުން، ޕައުންޑްގެ އަގު ދަށްކޮށްފައި ވަނީ އެ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމުގެ ގޮތުންނެވެ. މީގެ ކުރިން އެ ބޭންކުން ޑޮލަރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ނުވަ އިޖިޕްޝަން ޕައުންޑެވެ. ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު ގެނައި އެ ބަދަލާ އެކު އެމެރިކާ ޑޮލަރެއްގެ އަގު މިސްރުގައި އުޅެނީ 14 އިޖިޕްޝަން ޕައުންޑުގަ އެވެ.

ޕައުންޑްގެ އަގު ދަށް ކުރުމުގެ އިތުރުން އެ ގައުމުގެ އިންޓްރެސްޓު ރޭޓުތައް ވެސް ވަނީ ތިން ޕަސެންޓު އިތުރުކޮށް، 14.75 ޕަސެންޓަށް މަތިކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ބުނީ އެ ގޮތަށް ނިންމާފައި ވަނީ އެ ނިންމުން ނިންމައިގެން ނޫނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލޯން ދޫކުރަން އެއްބަސްނުވާތީ ލޯން ހޯދުމަށް ޝަރަތު ހަމަވާން ޖެހޭތީ ކަމަށެވެ. އެ ބޭންކުން މިހެން ބުނި އިރު، އެބޭންކުން ވަނީ ފާއިތުވި އަހަރުތަކުގައި 12 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އައިއެމްއެފްގައި އެތައް ފަހަރަކު މަތިން އެދިފަ އެވެ.

އައިއެމްއެފްގެ މިސްރުގައި ހުންނަ ސަފީރު ކްރިސް ޖާވިސް ވިދާޅުވީ މި ބަދަލާ އެކު މިސްރުގެ ސްޓޮކް މާކެޓު ހަރުދަނާވެ، ބައިނަލްއަގުވާމީ ގޮތުން މިސްރަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެގައުމުގައި އުފައްދާ ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.