ގއ. ކުއްޑޫގެ މަސްކާރުހާނާގެ މުވައްޒަފުންތަކެއް އެ ކާރުހާނާގެ ހިއުމަން ރިސޯސަސް މޭނެޖަރާ މެދު ހިތްހަމަނުޖެހިގެން އޭނާގެ އިސްތިއުފާއަށް ގޮވައި މިއަދު މުޒާހަރާކޮށްފި އެވެ.

ކޫއްޑޫގައި މިއަދު ކުރި މުޒާހަރާގެ ބައިވެރިއަކު ބުނީ އެމީހުން މުޒާހަރާ ކުރީ ހިއުމަން ރިސޯސަސް މޭނެޖަރު، އަހުމަދު ޒާހިރު އޭނާއަށް ފެންނަ ގޮތަކަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާތީ އާއި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭތީ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އޭނާ ބުނީ މަސައްކަތް ހުއްޓާލުމަށްފަހު ވިއްސަކަށް މުވައްޒަފުން ކުރި މުޒާހަރާ ހުއްޓާލީ އެ މީހުންގެ ޝަކުވާތައް އަޑުހުމަށް މިމަހުގެ 18 ގައި ކޫއްޑޫ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އާދަމް ކޫއްޑޫއަށް ވަޑައިގެންނަވާނެ ކަން އެންގުމުން ކަމަށެވެ. އެމްޑީއާ ބައްދަލުކުރުމަށްފަހު މުވައްޒަފުން ހިތްހަމަނުޖެހޭ ގޮތަކަށް ކަންތައްތައް ދާނަމަ ބޮޑު މުޒާހަރާއެއް ރާވައި ޖައްސާނެ ކަމަށް ވެސް ބުންޏެވެ.

އިސްމާއިލް އާދަމް މިއަދު ވިދާޅުވީ ކޮންމެވެސް ކަމާ ހިތްހަމަނުޖެހިގެން މުވައްޒަފުން އޭނާ އަށް ގުޅި ކަމަށާއި އަދި މިމަހުގެ 18 ގައި އެރަށަށް އޭނާ ވަޑައިގަންނަވާނެ ކަމަށެވެ. ވާހަކަދައްކައިގެން ހައްލުނުކުރެވޭނެ ވަރުގެ ކަމެއް ކޫއްޑޫގެ އެއްވެސް މުވައްޒަފެއްގެ ނޫޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޫއްޑޫގެ އެޗްއާރު މޭނޭޖަރު އަހުމަދު ޒާހިރު މިއަދު ވިދާޅުވީ ކާރުހާނާގައި މަސައްކަތް ކުރާ ބައެއް ދިވެހިން މިއަދު ހެނދުނު މުޒާހަރާ ކުރި ކަމަށާއި ނަމަވެސް އެ މުޒާހަރާ ހުއްޓާލި ސަބަބެއް އެނގިވަޑައިނުގެންނަވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވަޒީފާގެ ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.