05 Nov 2016, 16:06
ރާއްޖޭގައި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުކޮށް ހިއްސާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ކަމުގައިވާ ސެންޗޫރިއަން ޕލކގެ ހިއްސާ ވިއްކުމުގެ ކަންކަން އަތޮޅުތެރޭގައި ވެސް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން (ކެޕްޓަން މާނު) "ސަން" އަށް މިއަދު ވިދާޅުވީ، އަތޮޅު ތެރޭގައި ސެންޗޫރިއަންގެ ހިއްސާ ވިއްކުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އެކުންފުނީގެ ޓީމުތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން، ފުވައްމުލަކު ސިޓީގެ މާނެރާއި ބަނދަރުމަތި ސަރަހައްދުގައި ސެންޗޫރިއަންގެ ޓީމުތައް ހަރަކާތްތެރިވަމުންދާ އިރު، މިރޭ އެސިޓީގެ ހާފިޒް އަހްމަދު ސްކޫލުގައި ޚާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށް ވެސް ކެޕްޓަން މާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސެންޗޫރިއަންގެ އިނީޝަލް ޕަބްލިކް އޮފަރިންގްއާ ބެހޭ މައުލޫމާތު ދިނުމާއި ހިއްސާ ވިއްކުމުގެ ކަންކަން އައްޑޫ ސިޓީގައި ވެސް ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ކާމިޔާބުކަމާ އެކު ކުރިޔަށް ދަނީ،" ކެޕްޓަން މާނު ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ދުވަސްވަރު މޫސުން ވަރަށް ގޯސްކޮށް އުޅޭތީ، ބޭނުންވާ ވަރަށް މަސައްކަތްތައް ކުރިޔަށް ނުގެންދެވޭ ކަމަށާއި، އެހެންކަމުން ހިއްސާ ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ވިސްނަމުންދާ ކަމަށް ކެޕްޓަން މާނު ހާމަކުރެއްވިއެވެ.
މިހާރު ކަނޑައަޅާފައިވާ ގޮތުން، ސެންޗޫރިއަނުން ހިއްސާ ވިއްކާނީ އޮކްޓޫބަރު 20ން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިތުރު 30 ދުވަހަށް އެ މުއްދަތު އިތުރުކުރުމަށް ސެންޗޫރިއަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސެންޗޫރިއަން ޕލކއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ހިއްސާ ވިއްކަނީ ހިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާއެވެ. އެއީ ކުންފުނީގެ 49 ޕަސަންޓު ހިއްސާއެވެ. ހިއްސާ ގަންނަ ފަރާތަކުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.
ކެޕްޓަން މާނު މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސެންޗޫރިއަންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް ސެންޗޫރިއަންގެ ހިއްސާދާރެއް ހުރުން ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ މީގެ 50 އަހަރު ފަހުން ވެސް ރާއްޖޭގެ ލީޑިންގް ޝިޕިންގް ލޮޖިސްޓިކްސް ކުންފުނީގެ ގޮތުގައި އޮވެ، ރާއްޖެ ސަރަހައްދުގައި ރިކޮގްނައިޒަބަލް ފުޓްޕްރިންޓެއް އޮންނާނެ ވަރުގެ ކުންފުންޏަކަށް ވުން،" އޭނާ ވިދާޅުވި އެވެ.
ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.
އެކުންފުނީގެހިއްސާ ގަތުމުގެ ކަންކަން މާލޭގެ 12 ތަނަކާއި، ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ނ. މަނަދޫ، ނ. ވެލިދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޕޯސްޓް އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އީބޭންކިންގް ޕޯޓަލް މެދުވެރިކޮށް ވެސް ސެންޗޫރިއަންގެ ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.