އެފްރިކާ އާއި މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ލޭ އޮހޮރުވުންތަކުން ސަލާމަތްވުމަށް އެ ގައުމުތަކުން ޔޫރަޕުގެ ގައުމުތަކަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް އެތައް ބަޔަކު ދަނީ ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރަމުންނެވެ. ފޮނި ހުވަފެންތަކެއް ދެކިގެން ކުރާ އެ ދަތުރުގައި މިއަހަރުގެ ތެރޭގައި އެތައް ބަޔަކު ވަނީ ގެނބިގެން މަރުވެފައެވެ.

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ލީބިޔާއިން އިޓަލީއަށް ދަތުރުކުރަމުންދިޔަ ދެ ބޯޓެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެޑިޓަރޭނިއަން ކަނޑަށް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ 239 މީހުން މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ގެމްބިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޒުވާން ކީޕަރު، އުމުރުން 19 އަހަރުގެ ފާތިމާ ޖަވަރާ ވެސް ހިމެނެ އެވެ. ކޮންމެ ޤުރުބާނީ އެއް ވެގެން ނަމަވެސް ޔޫރަޕުގެ ބޮޑު ކުލަބަކަށް ކުޅުމަށް އޭނާ ދެކެމުންދިޔަ ހުވަފެން އޭނާއާއެކު ގެނބިގެންދިޔައީ އެވެ.

"ޖަވަރާ ދަތުރުކުރަމުންދަނިކޮށް އާއިލާއިން އޭނާއަށް ގުޅާފަ، ދަތުރު ކުރުކޮށްލުމަށްފަހު އެނބުރި ގައުމަށް އައުމަށް އެދުނު. ނަމަވެސް އޭނާ ބުނީ އޭނާގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ ކަމަށް،" ޖަވަރާ އޭނާގެ އާއިލާއާ އެންމެ ފަހުން ދެއްކި ވާހަކަތައް، އޭނާ ކުރިން ކުޅުނު ޓީމުގެ ރަހުމަތްތެރިއަކު ކިޔައިދިނެވެ.

އާއިލާއިން ބުނި ގޮތުގައި، ޖަވަރާ ގެއިން ނުކުމެގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު، ކޮންމެ ވެސް ތަނަކަށް ފުޓްބޯޅަ ކުޅެންދާ ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ކުރަން އުޅޭ ކަންތަކުގެ ވާހަކައެއް އާއިލާ އަދި އޭނާގެ ޓީމު މެމްބަރުންގެ ގާތު ވެސް ނުބުނެ އެވެ.

މެޑިޓަރޭނިއަން ކަނޑަށް ބަންޑުން ޖަހާލި ދެ ބޯޓުގެ ތެރެއިން ކޮންމެވެސް އެއް ބޯޓެއްގައި އިޓަލީއަށް ދަތުރުކުރަނިކޮށް މަރުވި، ޖަވަރާ ގެމްބިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ ގުލާސްގޯއާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައެވެ.

"ދަނޑުމަތީގައި ޖަވަރާ ދެއްކި މޮޅު ކުޅުން އަބަދުވެސް އަހަރެމެން ހަނދާންކުރާނަން،" ޖަވަރާ ކުޅެމުންދިޔަ ގެމްބިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ޗޯރޯ ބެންގާ ބުންޏެވެ.

ގެމްބިއާގެ އޮފިޝަލުން ބުނި ގޮތުގައި، ގިނަ އެފްރިކާގެ ރައްޔިތުން ޔޫރަޕަށް ދަތުރުކުރުމަށްޓަކައި ޖަމާވާ ލީބިޔާއަށް ދާން ނުކުތީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އަދި އިޓަލީއަށް ފުރުމަށް ބޯޓުން ޖާގައެއް ލިބުނީ ތިން ހަފްތާ ފަހު މަޑުކުރުމަށްފަހު ކަމަށް ބުނެފައިވެ އެވެ. އަދި ޖަވަރާގެ ދަތުރަށް ހަރަދުކުރީ އޭނާގެ އެޖެންޓު ކަމަށް ބުންޏެވެ.

ގާތްގަނޑަކަށް ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގެމްބިއާ ހިމެނެނީ މެޑިޓަރޭނިއަން ހުރަސްކޮށް ލީބިޔާއިން އިޓަލީ އަށްދާ އެންމެ ގިނަ ރައްޔިތުން ހިމެނޭ ފަސް ގައުމުގެ ތެރޭގައެވެ.

އދ. ގެ ރެފިއުޖީ އެޖެންސީން ބުނާ ގޮތުގައި ގެމްބިއާގެ ގިނަ ރައްޔިތުން ޔޫރަޕަށް ހިޖުރަކުރަނީ ފަގީރު ކަމުގައި އާއިލާއަށް ހަރަދުކުރާނެ ފައިސާ ހޯދުމަށެވެ. އެނެއް ބަޔަކު އެގައުމު ދޫކޮށްދަނީ ބަގާވާތަކުން އެގައުމުގެ ވެރިކަމަށް 1994 ވަނަ އަހަރު އާމީ އޮފިސަރުގެ އަނިޔާވެރި ވެރިކަމުން ސަލާމަތްވުމަށެވެ.