05 Nov 2016, 14:58
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މޯލްޑިވް ގޭސް ލިމިޓެޑް އޯވަރ ޑިވިޝަން 1 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް އިން ހޯދީ، އިއްޔެ ކުޅުނު މެޗުގައި ސީބީއެލް ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މާލޭ ސްޕޯޓްސް އިން އެ މެޗު ކާމިޔާބުކޮށްފައި ވަނީ 110 ލަނޑުންނެވެ.

ލިމިޓެޑް އޯވަރ ޑިވިޝަން 1 ކްރިކެޓް މުބާރާތުގައި މާލޭ ސްޕޯޓްސް އާއި ސީބީއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ކްރިކެޓް ބޯޑް
އިއްޔެ ކުޅުނު އެ މެޗުގެ ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ 49 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 226 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 119 ބޯޅައިން 93 ލަނޑުހެދި މުހައްމަދު ރިސްވާނާއި 38 ލަނޑުހެދި މިހުސާން ހާމިދެވެ. އެ އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައި ވަނީ 18 ލަނޑަށް ތިން ވިކެޓް ނެގި އަބްދުﷲ ޝާހިދާއި 31 ލަނޑަށް ހަތަރު ވިކެޓް ނެގި މަހުމޫދު ރިޔާޒެވެ. އޭގެ އިތުރުން ސާއީދާއި ސިޔާމް ކޮންމެ އުކުންތެރިއެއް އެއް ވިކެޓް ނެގި އެވެ.
ޖަވާބުގައި ސީބީއެލް ކުޅެންއަރާ 33 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 116 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 58 ލަނޑުހެދި އަބްދުﷲ ޝާހިދާއި 19 ލަނޑުހެދި އިސްމާއިލް އަނިލް އެވެ. އެ އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައި ވަނީ 22 ލަނޑަށް ފަސް ވިކެޓް ނެގި މުހައްމަދު ސާފީ ސައީދާއި 20 ލަނޑަށް ތިން ވިކެޓް ނެގި އަހުމަދު ނީސާމް ނާސިރެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މާލޭ ސްޕޯޓްސް ކްލަބްގެ މުހައްމަދު ރިސްވާނެވެ.

ލިމިޓެޑް އޯވަރ ޑިވިޝަން 1 ކްރިކެޓް މުބާރާތުގެ ޗެމްޕިއަން މާލޭ ސްޕޯޓްސް ކްލަބު: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ސީބީއެލް ބަލިކުރުމަށްފަހު --- ފޮޓޯ/ ކްރިކެޓް ބޯޑް
އެ މުބާރާތް ނިމުމުން ސެޓްފިކެޓާއި ތަށި އަދި ފައިސާގެ އިނާމް ދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހުގެ އިތުރުން މޯލްޑިވް ގޭސްގެ ހެޑް އޮފް މާކެޓިން އެންޑް ބިޒްނަސް ޑިޕާޓްމަންޓް އައިމިނަތު މުހައްމަދު ސައީދާއި ހެޑް އޮފް އެޗްއާރް އެންޑް އެޑްމިން ފާތިމަތު އާދަމް އަދި ސީނިއާ މާކެޓިން އޮފިސަރ އައިޝަތު ހަމީދެވެ.
އެ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވިފައި ވަނީ ސީބީއެލްގެ އަބްދުﷲ ސައީދެވެ. އެންމެ މޮޅު އުކުންތެރިއަކަށް ސީބީއެލްގެ އިބްރާހިމް ރިޒާން ހޮވުނު އިރު، އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވިފައި ވަނީ ސީބީއެލްގެ ހަސަން ހާޒިގު ރަސީދެވެ. އަދި މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެންމެ މޮޅު ބެޓްމަނަކަށް ވެސް ހޮވުނު ސީބީއެލްގެ އަބްދުﷲ ޝާހިދެވެ.
ކްރިކެޓް ބޯޑުން ދެން އެންމެ އަވަހަށް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މުބާރާތަކީ ގައުމީ ކްރިކެޓް މުބާރާތެވެ. ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ އެ މުބާރާތް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.